ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރުތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކާއެކު އެތައް ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
މިއީ ކޮރަޕްޝަންގެ މައްސަލައެއްގައި މި ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ފުރަތަމަ މައްސަލަ އެވެ. މި މައްސަލާގައި ދައުވާކުރަން ފޮނުވި ނަމަވެސް އަމީން މަގާމުން ވަކިކޮށްފައިނުވާ ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.
އޭސީސީން މިއަދު ބުނީ އެ މައްސަލަ ތަހުގީގުކުރިއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 ޕަސެންޓަށްވާ ފައިސާ އާއި 15 ޕަސެންޓަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ މިނިސްޓަރު އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މިނިސްޓްރީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އަމީން ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ ޑރ. އަލީ އަލް ތުކުމަޗީ އަށް މިނިސްޓްރީ އޮފް ހެލްތު ތައާރަފްކޮށްދީފައި ވަނީ އަމީން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ އެ ފަރާތުގެ ކޮންޓެކްޓް ހެލްތުގެ ޑިރެކްޓަރު (ފައިނޭންސް އެގްޒެކްޓިވް)، އަހުމަދު އަސްލަމްއަށް ދީފައި ވަނީ އަދި އެ ފަރާތަކީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް ހެލްތުގެ ބިޑް ކޮމިޓީއަށް ތަޢާރަފްކޮށްދީފައި ވަނީ މިނިސްޓަރު އަމީން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
"މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއް ކަމަށް ބަލައި، އެކަމަށް ކޮންސިޑާކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭ ކަމަށެވެ. އަދި އެއީ މިނިސްޓަރު އަމީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށާއި ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ، އާންމުކޮށް އެދުވަސްވަރުގެ ބިޑުކޮމިޓީތަކުގައި ބައިވެރިވެފައިނުވާ ދެ މެމްބަރުން ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓަރު އަމީން ބުނެފައިވާކަން އެނގޭތީ އާއި، 75 ވެންޓިލޭޓަރުގެ 75 ޕަސެންޓް އެޑްވާންސްޕޭމަންޓް ޕްރޮސެސް ކުރިއަށްގެންދިއުމާ ގުޅިގެން، ޕޭމަންޓް ދެއްކުން އަވަސްކުރުމަށް މިނިސްޓަރު އަމީން މަސައްކަތްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވޭ،" އޭސީސީން ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ ވެންޓިލޭޓަރާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް މިނިސްޓަރު އަމީނަށް އެނގިފައިވާ ކަމާއި، އަދި އެކަންކަމަށް ލަފާ އާ މަޝްވަރާ ދެއްވާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެކަމާގުޅޭ ހުރިހާކަމެއް ޕޮލިސީ ޓޭބަލްއަށް ހުށަހެޅުމަށްޓަކައި މިނިސްޓަރު އަމީން ބްރީފިން ހޯދަމުންދިޔަކަން ތަހުގީގަށް އެނގޭ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ އެއީ ޑރ. އަލީ އަލް ތުކުމަޗީއަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި އަމީން ކޮށްފައިވާ ކަމެއްކަމަށް ދަލީލްކުރާތީ، އެ މައްސަލާގައި ހެލްތު މިނިސްޓަރު ، ގދ.ގައްދޫ، ރޯސްމާގެ، އަބްދުﷲ އަމީންގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ)ގެ (2) އާއި 512ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުން ދައުވާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.