ހިންދޫ ދީނަށް ކުޑަކުދިން ލޯބި ޖެއްސުމަށްޓަކައި ތައްޔާރުކޮށްފައިވާ ޗޮކްލެޓެއް މާލޭގެ ފިހާރަތަކުގައި ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހިންދޫ ދީން ޕޮރޮމޯޓުކުރުމަށް ހަދާފައިވާ ކާޓޫނު "ޗޯޓާ ބީމް"ގެ ޗޮކްލެޓް އަންނަނީ މާލޭ އަދި ހުޅުމާލޭގެ ބައެއް ފިހާރަތަކުގައި ވިއްކަމުންނެވެ.

މިދިޔަ މަހުތެރޭގައި ވެސް ރާއްޖެއަށް "ޗޯޓާ ބީމް" ޗޮކްލެޓް ވަނީ އެތެރެކޮށްފަ އެވެ.

"ޗޯޓާ ބީމް" ކާޓޫނަކީ ރާއްޖޭގައި ބްރޯޑްކާސްޓުކުރުން މަނާކޮށްފައިވާ، އަދި އެ ކާޓޫނު ދައްކާ ވަގުތު މީޑީއާނެޓުން އެ ކޮންޓެންޓް ބްލޮކްކުރަމުން އަންނަ ކާޓޫނެކެވެ.

މިޗޮކްލެޓާ ގުޅިގެން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވީ ނަމަވެސް މިކަމުގައި ފުލުހުން ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ފިޔަވަޅު އަޅަން ޖެހޭނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ.

ނަމަވެސް މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބާތިލް ދީންތަކާއި އަގީދާތަކުގެ އެއްވެސް އެއްޗެއް ވިއްކުމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ބެހޭ ގާނޫނުން މަނާކަމެކެވެ. އެހެންކަމުން ފުލުހުންނަށް މިކަން ހުއްޓުވެން ޖެހޭއިރު، މިތަކެތި ރާއްޖެ އެތެރެވުމުގައި ވެސް ސަރުކާރުގެ އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިދިޔަ މަހު ވެސް މި ޗޮކްލެޓް ރާއްޖެއަށް އެތެރެވެފައިވާއިރު މިކަމުގައި ކަސްޓަމްސްއިން ފިޔަވަޅު އަޅާފައެއް ނުވެ އެވެ.