ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ މަދޫރީ ޑިކްސިޓާއި ރޭކާ 20 އަހަރު ފަހުން އެކީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ދެ ފަންނާނުން އެކުގައި ފެނިލުމަށް ހަމަޖެހިފައި ވަނީ ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ ބޮޑު ވެބް ސީރީޒް "ހީރާމަންޑީ" އިންނެވެ. މިއީ ވިހި އަހަރަށް ފަހު މަދޫރީ އާއި ރޭކާ އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން މި ދެ ތަރިން އެކުގައި ފެނިފައި ވަނީ 2001 ވަނަ އަހަރު ރާޖްކުމާރް ސަންތޯޝީ ޑައިރެކްޝަން އިން ނެރުނު ފިލްމް "ލައްޖާ" އިންނެވެ.

މީގެ އިތުރުން "ހީރާމަންޑީ" ނެޓްފްލިކްސްއާ ގުޅިގެން ހަދާކަން ބަންސާލީ އިއުލާންކުރީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް އަދި މި ފިލްމުގެ ކާސްޓް ކަށަވަރު ނުކޮށްދެ އެވެ. އެންމެ ފަހުން މީޑިއާތަކުން ބުނެފައިވާ ގޮތުގައި މީގެ މައިގަނޑު ރޯލުތައް ކުޅޭނީ ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީ އެވެ. އަދި މަޝްހޫރު ވަރަށް ގިނަ ބަތަލާ އިން ހާއްސަ ފެނިލުންތަކުގައި ބައިވެރިވާނެ ކަމަށް ވެސްވެ އެވެ.

"ހީރާމަންޑީ" އަކީ ކުރީގެ ލާހޯރުގައި އުޅުނު ޖާރިޔާއިންގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މީގެ ފަސްޓްލުކް ޕޯސްޓަރު ދައްކައިލި އިރު، އޭގެ ޓެގް ލައިނަކަށް އިނީ "ވެއާ ކޯޓޭޒަން ވެއާ ކްއީންސް" އެވެ.