ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ފުލުހުން މިރޭ ބުނީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަކަމަށް ތުހުމަތުކޮށް ރޭ ހައްޔަރުކުރި 34 އަހަރުގެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

ސީރިއާއަށް ހަނގުރާމައަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި އެ މީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ މީހާއަކީ ސޫރިޔާގައި ހިނގަމުންދާ ޓެރަރިސްޓު ޙަރަކާތްތަކުގައި ބައިވެރިވެފައިވާ މީހެއްކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ މީހާއަކީ ބޭރު ގައުމުތަކުގައި ހިންގާ ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ދިވެހިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

ފުލުހުން ވަނީ ރޭ އެ މީހާ މާލޭގައި ދިރުއުޅުނު ގެ ބަލައި ފާސްކޮށްފަ އެވެ.

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސް އެގައުމުގައި ގިނަ އަދަދެއްގެ ދިވެހީން އެބަތިއްބެވެ. އަދި އެގައުމުގައި ތިބި ބައެއް ދިވެހީން ވަނީ ހަނގުރާމައިގައި މަރުވެފަ އެވެ.

ހަމައެހެންމެ ހާލުގައި ޖެހިފައިވާ ދިވެހި އަންހެނުންނާއި އެމީހުންގެ ދަރިން ވެސް އެ ގައުމުގައި އެބަތިއްބެވެ. ދިވެހި އަންހެނުން ވަނީ ސީރިއާގެ ފިރިހެނުންނާ ކައިވެނިކޮށްގެން ދަރިންވެސް ހޯދާފަ އެވެ.