ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އަޑުއެހުންތައް ދެ މަސް ދުވަހު ތެރޭގައި ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޑރ. ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލާގަ އެވެ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީ އާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ވަނީ އެ ދައުވާކޮށްފަ އެވެ.
ޑރ. ޒިޔާދުގެ ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިއަދު ވިދާޅުވީ، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ނުނިމި އެއްއަހަރު ދުވަސް ފާއިތުވެފައިވާ ކަމަށާއި، މައްސަލާގައި މިހާރުވެސް ތިން ގާޒީ ބަދަލުވެފައިވާ ކަމަށެވެ. އަދި މިއީ ޑރ. ޒިޔާދަށް ލިބޭ އެތައް ހައްގުތަކަކުން އޭނާ މަހުރޫމްވާ ކަމަކަށްވާތީ މައްސަލަ އަވަހަށް ގެންގޮސްދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. ދައުލަތުން ވެސް އެދިފައިވަނީ މި މައްސަލާގައި ތާވަލެއް އެކުލަވާލައިގެން ވީއެންމެ އަވަހަކަށް މައްސަލަ ކުރިއަށް ގެންގޮސް ނިންމަވައި ދެއްވުމަށެވެ.
މިއަދުގެ ޝަރީޢަތުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވަނީ، މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި ޑރ. ޒިޔާދުގެ ވަކީލުން މީގެ ކުރިން ހުށައަޅުއްވާފައިވާ ގޮތަށް މައްސަލަ ބާތިލް ކުރާނެ ތަނެއް ނެތްކަމަށް ޝަރީއަތުން ނިންމެވި އެވެ. އަދި ދެ މަހެއްހާ ދުވަހުގެ ތެރޭގައި މައްސަލަ އެއްކޮށް ނިންމެވުމަށް މަސައްކަތް ކުރަށްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ، ދައުލަތަށް ގެއްލުންވާ ގޮތަށް ޒިކުރާ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުން ހެދުމާއި އޭގެ ސަބަބުން އިކުއިޓީގެ ގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް 30 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހި އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލް ކޮށްފައެވެ. އެ ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.