ރިޔާދު (23 އޮގަސްޓް) - ސައޫދީ އަރަބިއާއިން އެ ގައުމުގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިިންނަށް މޮޑާނާ ވެކްސިން ދޭން ހުއްދަ ދީފައިވާ ކަމަށް ދައުލަތުގެ މީޑިއާ ސައޫދީ ޕްރެސް އެ ޖެންސީން ބުނެފި އެވެ.
މި ހުއްދަ ދީފައި ވަނީ މޮޑެނާ އުފައްދާ ކުންފުނިން މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމުގެ ހުއްދައަށް އެދި އެ ގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށައެޅި ހުށައެޅުމަކާ ގުޅިގެންނެވެ.
އެ ހުށައެޅުމުގައި މޮޑެނާ ވެކްސިންއަކީ އެ އުމުރުފުރާގެ ކުދިންނަށް ދޭން ރައްކާތެރި ވެކްސިނެއްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށައަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
އެގޮތުން މޮޑެނާ ވެކްސިންއިން އެ ކުދިންނަށް ލިބިދާނެ ގެއްލުމަކަށް ވުރެ ލިބޭ ފައިދާތައް ގިނަ ކަމަށް މި ލިޔުންތަކުގައި ބަޔާން ކޮށްފައިވެ އެވެ.
ކުޑަކުދިންނަށް ވެކްސިން ދިނުން ސައޫދީގައި ހުއްދަ ކުރަމުންދާއިރު، އެ ގައުމުގެ ތައުލީީމީ ވަޒީރު ވަނީ ވެކްސިން ނުޖަހާ ކުދިން ސްކޫލަށް އައުން މަނާ ކުރެވޭނެ ކަމަށާއި އެފަދަ ކުދިން ބެލޭނީ ހާޒިރު ނުވާ ކުދިންގެ ގޮތުގައި ކަމަށް ބުނެފަ އެވެ.
އާދީއްތަ ދުވަހު 12 އަހަރުން މަތީގެ ކުދިންނަށް މޮޑެނާ ވެކްސިން ހުއްދަ ކޮށްފައިވާއިރު ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ސައޫދީން ވަނީ 17 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނަށް އެ ވެކްސިން ހުއްދަ ކޮށްފަ އެވެ. -- އަލް އަރަބިއްޔާ