ދިވެހިންގެ މާދަރީ ބަސް ކަމަށްވާ ދިވެހި ބަހަކީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ ބަހެކެވެ. ޒަމާނުއްސުރެ ވާހަކަދައްމުން އަންނަ ދިވެހިންގެ ދިވެހި ބަހަކީ ގިނަ ހާއްސަ ސިފަތަކެއް ލިބިގެންވާ ބަހެކެވެ.

އެގޮތުން މިފަހަރު މިއޮތީ އެފަދަ ސިފައެއްގެ ވާހަކަ އެވެ. ދުނިޔޭގައި 7،000 އަށްވުރެ ގިނަ ބަހުން ލިޔެކިޔެ އުޅޭއިރު އޭގެ ތެރެއިން މަދު ބަހަކަށް ނޫނީ ލިބިގެން ނުވާ ސިފައެއް ދިވެހި ބަހަށް ލިބިފައިވާ ކަމީ އަހަރެމެން ފަޚްރުވެރިވާން ޖެހޭ ކަމެކެވެ.

ދުނިޔޭގައި ލިޔެކިޔެ އުޅޭ ބަސްތަކުގެ ތެރެއިން ކަނާތުން ވާތަށް ލިޔަނީ އެންމެ 12 ބަހެކެވެ. ދިވެހި ބަހަކީ އޭގެ ތެރެއިން އެއް ބަހެވެ. އެތައްހާސް އަކުރެއް ދުނިޔޭގައި އޮވެމެ މި ޚާއްސަ ސިފަ ލިބިފައިވާ އަކުރަކަށް ދިވެހި ތާނަ އަކުރުވުން އެއީ ދިވެހިންގެ އަމިއްލަވަންތަ ކަމަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ދިވެހި ބަހުގެ އިތުރުން ކަނާތުން ވާތަށް ލިޔާ ބަސްތަކުގެ ލިސްޓުގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް ބަސްތަކަކީ އަރަބި، ހިބްރޫ، ފާރިސީ، ކުރުދިޝް އަދި އުރުދޫ އެވެ. މި ހުރިހާ ބަސްތަކެއް ލިޔުމުގައި ވެސް ގެންގުޅެނީ ކަނާތުން ވާތަށް ލިޔާ އުސޫލެކެވެ.

ދިވެހި ބަހުގައި މީގެ ކުރިން ބޭނުންކުރި އެވޭލާ އަކުރާއި ދިވެސް އަކުރަކީ ވާތުން ކަނާތަށް ލިޔެ އުޅުނު ދެ އަކުރު ނަމަވެސް ތާނަ އަކުރު ބޭނުންކުރަން ފެށުމާއެކު ލިޔެ އުޅުނު އުސޫލު ބަދަލުވި އެވެ.