ކޮވިޑް-19 އާ ގުޅިގެން 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުންޏަކަށް ދިން މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން ވެސް އަމީން މަގާމުން ވަކިނުކޮށް އޮތުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑު ވިދާޅުވެއްޖެ އެވެ.
މިއީ ކޮރަޕްޝަންގެ މައްސަލައެއްގައި މި ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ފުރަތަމަ މައްސަލަ އެވެ. މި މައްސަލާގައި ދައުވާކުރަން ފޮނުވި ނަމަވެސް އަމީން މަގާމުން ވަކިކޮށްފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ބެލެވޭ ގޮތުގައި އޭނާ އަމީންއާ މެދުގައި ގޮތެއް ނިންމާނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ގޮތެއް ނިންމިހާ އަވަހަކަށެވެ. އެ އޮފީހުން ކުރިއަށް އޮތް ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ސަމާސާއަކަށް ވެއްޖެ ކަމަށާއި ކޮރަޕްޝަންއަށް ޒީރޯ ޓެލޮރެންސް އޮތް ކަމަށް ވިދާޅުވެ ކެމްޕޭން ކުރިޔަސް އަމަލު ނުކުރާ ކަމަށެވެ.
"މި ކުށަށް ތަހުގީގު ކުރެވި، ދައުވާ އުފުލިޔަސް، ލަދު ގަނެ ވަޒީފާ ގެއްލޭ ވަރު ކަމެއް ނޫން، މިއީ ހަމަ ތާހިރު ގޮތްތޯ؟" އަމީންގެ ނަން ވިދާޅުނުވެ، އެކަމަކު އަމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޮޓޯއެއް ހިއްސާ ކުރައްވައި ޓުވިޓާގައި ލިޔުއްވާފައިވެ އެވެ.
ހަ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިިދިޔަ ބުދަ ދުވަހު އެވެ.
އޭސީސީން ބުނީ މިނިސްޓްރީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އަމީން ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ ޑރ. އަލީ އަލް ތުކުމަޗީ އަށް މިނިސްޓްރީ އޮފް ހެލްތު ތައާރަފްކޮށްދީފައި ވަނީ އަމީން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ އެ ފަރާތުގެ ކޮންޓެކްޓް ހެލްތުގެ ޑިރެކްޓަރު (ފައިނޭންސް އެގްޒެކްޓިވް)، އަހުމަދު އަސްލަމްއަށް ދީފައި ވަނީ އަދި އެ ފަރާތަކީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް ހެލްތުގެ ބިޑް ކޮމިޓީއަށް ތަޢާރަފްކޮށްދީފައި ވަނީ މިނިސްޓަރު އަމީން ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ވެންޓިލޭޓަރާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް މިނިސްޓަރު އަމީނަށް އެނގިފައިވާ ކަމާއި، އަދި އެކަންކަމަށް ލަފާ އާ މަޝްވަރާ ދެއްވާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެކަމާގުޅޭ ހުރިހާކަމެއް ޕޮލިސީ ޓޭބަލްއަށް ހުށަހެޅުމަށްޓަކައި މިނިސްޓަރު އަމީން ބްރީފިން ހޯދަމުންދިޔަކަން ތަހުގީގަށް އެނގޭ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ އެއީ ޑރ. އަލީ އަލް ތުކުމަޗީއަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި އަމީން ކޮށްފައިވާ ކަމެއްކަމަށް ދަލީލްކުރާތީ، އެ މައްސަލާގައި ހެލްތު މިނިސްޓަރު ، ގދ.ގައްދޫ، ރޯސްމާގެ، އަބްދުﷲ އަމީންގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ)ގެ (2) އާއި 512ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުން ދައުވާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.