އޮން އެރައިވަލް ވިސާގައި ސްރީލަންކާއަށް އެތެރެވާ ދެކުނު އޭޝިއާގެ ފަތުރުވެރިންގެ އަތުން ފީއެއް ނެގުމަށް އެ ގައުމުން ނިންމައިފި އެވެ.
ލަންކާގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކަނޑައަޅާފައިވަ އުސޫލާ ހަވާލާދީ ލަންކާގެ މީޑިއާއިން ބުނެފައި ވަނީ ވިސާގެ އުސޫލުތަކަށް ގެނައި ބަދަލާއެކު އޮން އެރައިވަލް ވިސާގެ ދަށުން ލަންކާއަށް އެތެރެވާ ދެކުނު އޭޝިއާގެ ފަތުރުވެރިން 20 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ވިސާގެ މުއްދަތު އިތުރުކުރަން ވެސް ފީއެއް ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މިގޮތަށް ބަދަލު ގެނަޔަސް، 30 ދުވަހުގެ ވިސާ ހަމަވެ، އެ މުއްދަތު 90 ދުވަހަށް އިތުރު ކުރިޔަސް އިތުރު ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.
ވިސާ ފީތަކަށް ގެނައި ބަދަލާއެކު ސްޓޫޑެންޓް ވިސާ އާއި މެޑިކަލް ވިސާ އަދި އެމްޕްލޯއިމަންޓް ވިސާގައި ލަންކާއަށް ދާ މީހުންގެ އަތުން އަހަރަކަށް ނުވަތަ އެ ގައުމުގައި ހުންނަ މުއްދަތަކަށް 200 ޑޮލަރުގެ ފީއެއް ނަގަން ވެސް ވަނީ ނިންމައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ ލަންކާއިން ވިސާގެ އުސޫލަށް ބަދަލެއް ގެނަޔަސް އެއިން ރާއްޖެ އިސްތިސްނާ ވާނެ ކަމަށެވެ. އެގޮތުން ލަންކާއަށް ޓޫރިސްޓް ވިސާގައި ދަތުރުކުރާ ދިވެހިން މިހާރު ވެސް އަމަލު ކުރާ އުސޫލުގެ ދަށުން، ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އެޕްރޫވަލް (އީޓީއޭ) ސިސްޓަމް މެދުވެރިކޮށް ލަންކާއަށް އެތެރެވުމުގެ ހުއްދަ ނަގައިގެން ދަތުރު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ލަންކާއަކީ އެކި ބޭނުންތަކުގައި ދިވެހި ވަރަށް ގިނަ ގޮސް އުޅޭ ގައުމެކެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ވެސް ލަންކާގައި އަންނަނީ ދިރިއުޅެމުންނެވެ.