ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ހަދާ ކޮމެޑީ ސީރީޒް "ގިރިދާ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ހުނަރުވެރި ފިލްމީ ތަރި، ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށްފައިވާ "ގިރިދާ"ގެ ޓްރެއިލާއިން ފެނިގެންދަނީ ފިލްމީ މަސައްކަތްތަކަށް ޝައުގުވެރިކަން ހުންނަ ބައެއްގެ ދިރިއުޅުން، މަޖާ ގޮތަކަށެވެ.

ސީރީޒްގެ ލީޑު ރޯލުން ވެސް ފެންނާނެ އަދި ޔޫއްޕެ ޕްރޮޑަކްޝަންގެ ޕްރޮޑަކްޝަން މެނޭޖަރު އަލީ އުސާ (ދޮނާ) ބުނީ، ސީރީޒް ބަލާފައި ނުހީ ނުހުރެވޭނެ ވަރުގެ މަޖާ މަންޒަރުތައް ހުންނާނެ ކަމަށެވެ.

ދޮނާ އާއެކު ދެން "ގިރިދާ"ގެ ލީޑުން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު ޒިޔާ އަދި އިބްރާހީމް ޖިހާދު (ޖިމީ) އެވެ.

ފިލްމީ ދާއިރާގެ ސީނިއާ ތަރިންގެ އިތުރުން އާ ތަރިން ވެސް ފެންނާނެ ސީރީޒާ ބެހޭ ގޮތުން ދޮނާ އިތުރަށް ބުނީ ކޮންމެ އެޕިސޯޑެއްގައި ވެސް އެ ހަތަރު މީހުންނާއެކު އާ ބަތަލާއެއް ފެންނާނެ ކަމަށެވެ.

https://www.facebook.com/104728828579033/videos/362519172043892

ޓްރެއިލާއިން މިހާރު ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އަންހެން ފަންނާނުންނާއި ޓިކްޓޮކް ތަރިން ފެނިގެންދެ އެވެ.

އެގޮތުން، އަވައްޓެރިޔާގެ ލީޑް ރޯލްއަކުން ފެނިގެންދާ އަންޝާމް މުހައްމަދު، މިހާތަނަށް ގިނަ ފިލްމުތަކަކުން ފެނިފައިވާ އައިމިނަތު ނޫރާ އަދި ޓިކްޓޮކް ތަރި މަރިޔަމް ޝާނާ ފާހަގަ ކޮށްލެވެ އެވެ.

އެ ސީރީޒްގެ ކެމެރާ ކުރަނީ ޝިވާޒް (މާސްކޭ) އެވެ. އެޑިޓްކުރަނީ ޔޫއްޕެ އާއި ޝަފީގް އެވެ.

މާލޭގައި ޝޫޓްކުރާ "ގިރިދާ" ދައްކާނީ މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕުންނެވެ