ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ފެށުމުގެ ކުރިން ބަޔާން ދެއްވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލު، އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ޕްރޮސެކިއުޓަރެ ޖެނެރަލް އޮފީހަށް ފޮނުވި ސިޓީގައި ވިދާޅުވީ ރައީސް ނަޝީދުގެ މިމައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. މި ހަމަލާ ހިނގަދިޔަ ގޮތާއި، ލިބިވަޑައިގެންފައިވާ މައުލޫމާތުގެ އަލީގައި ރައީސް ނަޝީދުގެ ބަޔާނެއް ދެއްވަން ބޭނުންވާ ކަމަށް މި ސިޓީގައި ބުނެފަ އެވެ.

ރައީސް ނަޝީދު ބަޔާން ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވިއިރު، މީގެ ކުރިން އެކި މަރުހަލާތަކުގައި އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ޕްރޮސެކިއުޓާ ޖެނެރަލްއާއި، ފުލުހުންކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ޕީޖީ އަދި ފުލުހުން ވެސް މީގެ ކުރިން ބުނެފައިވަނީ ރައީސް ނަޝީދުގެ ބަޔާން މި މައްސަލާގައި ވަރަށް މުހިއްމު ކަމަށެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.

މޭއިމަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި ޕާކުކޮށްފައިއޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފަ އެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާދެއްވި އޭޑީކޭގެ ސްޕެޝަލިސްޓުންގެ ޓީމުން ވެސް ވަނީ އެކަން ހާމަކުރައްވާފަ އެވެ.

ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ހަމަލާ ރޭވި އިސް މީހުން ނުހޯދޭހާ ހިނދަކު ރައްކާތެރިކަން ކަށަވަރު ނުވާނެތީ ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެ އެވެ.