ރީތި ހުދު ބޮއްޔެއް ތެރަސް ބޭނުންކޮށްގެން ޕްލާސްޓިކް ބޭންޑެއްގައި ފަރުވާތެރިކަމާއެކު އޭނާ ތައްކުރެ އެވެ. އެގޮތަށް އެތައް ބޮއްޔެއް ތައްކޮށްގެން ކުރި ކަވި މަސައްކަތުން ތައްޔާރު ކުރެވުނީ ބަލާލަން ހިތްގައިމު "ޓްރޮޕިކަލް" އިހުސާސެއް ގެނުވައިދޭ ބޮލުގަ އަޅާ ބޭންޑެކެވެ.

މި ކުރައިދިނީ ހދ. ވައިކަރަދޫއަށް ނިސްބަތްވާ އާމިނަތު އިހުސާނާ 36، ދިރިއުޅުމަށްކުރާ މަސައްކަތުގެ ކުޑަ ތަސްވީރެކެވެ. މި ކަވި މަސައްކަތަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ކަހަލަ ފަސޭހަ މަސައްކްތެއް ނޫނެވެ. އެކަމަށްޓަކައި ކެތްތެރިކަމާއި ހިތްވަރު ބޭނުންވާނެތީ އެވެ.

ބޮލިވަށީގެ ނަމުގައި ފޭސްބުކްއާއި އިންސްޓަގްރާމްގައި ހިންގާ ވިޔަފާރިއަކީ އިހުސާނާގެ އެ ކެތްތެރިކަމާއި ހިތްވަރުގެ ފޮނި ނަތީޖާ އެވެ. މޫދު ބޮލި ބޭނުންކޮށްގެން ހަދާފައި ހުންނަ އެކި ޒާތުގެ ގަހަނާ އެ ޕޭޖުން ފެންނަން ހުރެ އެވެ. ފަށާއި ބޮލުގަ އަޅާ ބޭންޑެވެ. ކަންފަތުގަ ލާ މުދިން ފެށިގެން ފައިގަ އަޅާ ކެވެއްޔެވެ. މިއީ ހައްތަހާ ވެސް އިހުސާނާގެ އަމިއްލަ މަސައްކަތެވެ.

އޭނާ އެންމެ ކުޑައިރު ވެސް އުޅެބޮޑުވީ އަތްތެރި މަސައްކަތްތަކުގެ ތެރޭގަ އެވެ. ބައްޕައާއި ބޮޑުބޭބެއަކީ އަތްތެރި މަސައްކަތްތަކަށް ކޮށް އުޅޭ ކުޅަދާނަ ބައެކެވެ. އެހެންކަމުން އޭނާގެ މަސައްކަތުގެ ފެށުން އިހުސާނާ ގުޅުވަނީ އޭނާގެ އާއިލާގެ ފަރާތުން ލިބުނު ޚިޔާލެވެ.

https://www.instagram.com/p/CD1EvNrpI-U/?utm_medium=copy_link

"ބައްޕަ ކުރާނެ ފެހުމުގެ މަސައްކަތާއި އެހެން ކަންކަން ވެސް. އަސްލު ބައްޕަ ކުރާތަން ފެނިގެން މިކަމަށް ޝައުގުވެރިކަން އުފެދުނީ،" އިހުސާނާ ބުންޏެވެ.

ބައްޕަގެ ފިޔަވަޅުމަތިން ފިޔަވަޅު އަޅަމުން އިހުސާނާ އޭނާގެ ހުނަރުވެރި މަސައްކަތް ވިޔަފާރީގެ ގޮތުގައި ކުރަން ފެށީ މީގެ ހަތަރު އަހަރު ކުރިންނެވެ. ބޮއްޔަށް ހާއްސަ ވުމުގެ ބަދަލުގައި އޭރު އޭނާ ދިޔައީ އެހެނިހެން އެއްޗެހިން ވެސް އާޓްސް އެންޑް ކްރާފްޓްސް އުފައްދަމުންނެވެ. އެގޮތުން ބޮލީގެ އިތުރުން ކަރުދާހުންނާއި ފޮތިން ވެސް އޭނާ އޭރު އުފެއްދުންތައް އުފައްދައި އުޅުނެވެ.

ބޮލިވަށީގެ އުފެއްދުމެއް

ނަމަވެސް އިސާހިތަކު ބޮލީގެ އުފެއްދުންތަކަށް ދިވެހިންގެ މެދުގައި އޮތް ތަރުހީބު ފާހަގަވެ ބޮލީގެ އުފެއްދުންތަކަށް ހާއްސްވާން އޭނާ ނިންމި އެވެ. ބޮލިވެށީގެ ފެށުމަކީ އެއީ އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އިހުސާނާގެ މަސައްކަތްތަކަށް ދެގޮތެއް ނުވެ އެވެ.

ކޮވިޑް 19ގެ ސަބަބުން ވިޔަފާރި ކުޑަކޮށް މަޑުޖެހިލި ނަމަވެސް އަލުން ވިޔަފާރި ރަނގަޅުވާން ފަށާފައިވާ ކަމަށް އިހުސާނާ ފާހަގަކުރި އެވެ. މީގެ ކުރިން ރިސޯޓުތަކަށް ވެސް އިހުސާނާގެ އުފެއްދުންތައް ފޮނުވި ނަމަވެސް އެކަން ވެސް އޮތީ ހުއްޓިފަ އެވެ. ދެން ވެސް އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ އިހުސާނާ ހުރީ އެ ފުރުސަތުގެ ބޭނުން ހިފާށެވެ.

ބޮލިވަށީގެ އުފެއްދުމެއް

އޯޑަރަށް އުފެއްދުންތައް ހަދާ އިހުސާނާ ކޮންމެ އުފެއްދުމެއް ވެސް ހަދަނީ ނުހަނު ފަރުވާތެރިކަމާއެކު އެވެ. އޭނާގެ ކަސްޓަމަރުންގެ ބޭނުންތައް ހިތުގައި ބަހައްޓައިގެން އެއާ އެއްގޮތަށެވެ. ކަސްޓަމަރުން ބޭނުންވާ ގޮތަކަށް އެ ޕްރޮޑަކްޓްއެއް ނިންމޭތޯ އިހުސާނާ އިސްކަންދެ އެވެ.

"ކޮންމެ ކަސްޓަމަރެއްވެސް ބުނާނެ އެމީހަކު ބޭނުންވާ ގޮތެއް. އެގޮތަކަށް ހަދައިދެވޭތޯ ވަރަށް ބަލަން،" އިހުސާނާ ބުންޏެވެ.

ބޮލިވަށީގެ އުފެއްދުންތަކަށް އިހުސާނާ ގިނައިން ބޭނުން ކުރަނީ ރާއްޖޭގެ ރަށްތަކުން ހޮވާ ބޮއްޔެވެ. ނަމަވެސް މަދުމަދުން ރާއްޖެއިން ބޭރުން ގެނެސް ވިއްކަން ހުންނަ ބޮލި ވެސް އޭނާ ބޭނުން ކުރެ އެވެ. މީގެ އިތުރުން މިނާއާއި އެސް އަދި ވެލިފޮތި ފަދަ ޒީނަތަށް ބޭނުންކުރާ ބާވަތްތައް އޭނާގެ އުފެއްދުންތަކުން ފެންނާނެ އެވެ.

އިހުސާނާ ބުނިގޮތުގައި އޭނާގެ އުފެއްދުންތަކަށް ބޭނުންވާ ބޮލި ރާއްޖޭގެ އެކި ހިސާބުތަކުން ލިބެ އެވެ. އެގޮތުން އޭނާގެ މަސައްކަތްތައް ފެނި ނުދަންނަ ފަރާތްތަކުން ވެސް ބޮލި ހަދިޔާކުރާކަން އޭނާ ފާހަގަ ކުރި އެވެ.

ބޮލިވަށީގެ އުފެއްދުމެއް

ބޮލިވަށީގެ މަސައްކަތްތައް ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާއިރު ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބާ މެދު އިހުސާނާ ހުރީ ހިތްހަމަ ޖެހިގެންނެވެ. މިހާތަނަށް އައިއިރު އެއްވެސް ކަސްޓަމަރެއް އޭނާގެ މަސައްކަތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ނުވާ ކަމަށް އިހުސާނާ ފާހަގަކުރި އެވެ.

"އަދި ނެތް ނެގެޓިވް ކޮމެންޓްއެއް ލިބިފައެއް. ރީއްޗޭ އެންމެންވެސް ބުނަނީ،" އިހުސާނާ ބުންޏެވެ.

ދެކުދިންގެ މަންމަ އިހުސާނާގެ ދަރިންގެ ތެރެއިން އެއް ކުއްޖަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެހެން ކަމުން އިތުރު ވަޒީފާއެއް އަދާ ކުރުމަށް އިހުސާނާއަށް ފުރުސަތު ލިބިފައި ނުވާއިރު ބޮލިވަށީގެ މަސައްކަތްތަކަށް އޭނާ ހުސްވަނީ ގޭތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ރޭގަނޑުގެ ވަގުތުގަ އެވެ.

އޭނާގެ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިހުސާނާ ބުނީ މަސައްކަތަށް ބޭނުންވާ ތަކެތި މާލެއިން ނުލިބުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެގޮތުން މިހާރު އެއްޗެހި ގެންނަނީ ރާއްޖެއިން ބޭރުން ކަމަށާއި އެކަމުގައި ގިނަ އުނދަގޫތަކެއް ހުރިކަން އިހުސާނާ ފާހަގަކުރި އެވެ.

ބޮލިވަށީގެ އުފެއްދުމެއް

"އަސްލު ވަރަށް އުނދަގޫ އަވަހަށް އެއްޗެއް ބޭނުންވިޔަސް އެ އެއްޗެއް މާލެއިން ހޯދަން. ވަރަށް އަގުބޮޑު،" އިހުސާނާ ބުންޏެވެ.

މީގެ އިތުރުން އޭނާގެ މަސައްކަތައް ވިއްކާނެ ޓޫރިސްޓް ސުވެނިއާ ޝޮޕްތައް ނުލިބުން ވެސް އެއީ މިވަގުތު އިހުސާނާއަށް ކުރިމަތިވާ ދައްޗެކެވެ.

މި ގޮންޖެހުންތަކާ އެކުވެސް އިހުސާނާ ހުރީ ދެގޮތެއްނުވެ ކުރިއަށް ދާށެވެ. ބޮލިވެށީގެ މަސައްކަތްތައް އިތުރަށް ފުޅާކުރާށެވެ.

އެކަމުގައި އޭނާގެ އާއިލާގެ ފަރާތުން ލިބޭ ހިތްވަރު އިހުސާނާ ފާހަގަކުރީ ޝުކުރުވެރިކަމާއެކީގަ އެވެ. އެ ފަރާތްތަކުގެ އެހީއާ ނުލާ މިހާ ހިސާބަށް ނާދެވުނީސްކަން އެނގިހުރެ އެވެ.

ދިވެހި މި މުޖުތަމައުގައި ވެސް ހުނަރުން ފުރިފައިވާ ފަރާތްތައް އުޅޭކަން އިހުސާނާގެ މަސައްކަތުން އެނގެ އެވެ. އެފަދަ ފަރާތްތަކަށް ބޭނުންވަނީ މުޖުތަމައުގެ އެއްބާރުލުމާއި ހިތްވްރެވެ.