މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން ބަޔާން ނެގުމަށް ކަމާގުޅުންހުރި އިދާރާތަކުން އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ޖެހޭކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައިސް ނަޝީދުގެ ބަޔާން ނެގުމަށް އިނގިރޭސިވިލާތަށް އެހަމަލާ ތަހުގީގުކުރާ ޓީމެއް ވަޑައިގަންނަވަން އުޅުއްވާކަމަށް ހާމަވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައިވަނިކޮށް ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަޔާނެއް ނަގަން ބަޔަކު އިނގިރޭސިވިލާތަށް އަންނަން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އެމަނިކުފާނުގެ މައްޗަށް އުފުލާ ދައުވާއެއް ނޫން ކަމަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެނަސް މޯލްޑިވްސް ޕޮލިސް ސަރިވިސް އިން އިނގިރޭސިވިލާތުގެ އިދާރާތަކާއި މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެން،" ނަޝީދު ވިދާޅުވި އެވެ.

މިވަގުތު ފަރުވާއަށް އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު، ހަމަލާ ހިނގަދިޔަ ގޮތާއި، ލިބިވަޑައިގެންފައިވާ މައުލޫމާތުގެ އަލީގައި ބަޔާނެއް ދެއްވަން ބޭނުންވާ ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުންނާއި ޕީޖީވަނީ ބަޔާން ނެގުމަށް އިނގިރޭސިވިލާތަށް ދިއުމަށް މަޝްވަރާކޮށްފަ އެވެ.

ބަޔާން ނަގަން އިނގިރޭސިވިލާތަށް ޓީމެއް ދިއުމާއި ގުޅޭގޮތުން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި އެމަނިކުފާނުގެ ޤާނޫނި ވަކީލް ނާޒިމް ސައްތާރު ވެސް ވިދާޅުވީ ބަޔާން ނެގުމަށް ކޮންމެހެން އިނގިރޭސިވިލާތަށް ވަޑައިގަންވަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ފަރުވާއަށް އިނގިރޭސި ވިލާތުގަ އެވެ. އެމަނިކުފާނުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މިމައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. މިހަމަލާ ހިނގަދިޔަ ގޮތާއި، ލިބިވަޑައިގެންފައިވާ މައުލޫމާތުގެ އަލީގައި ރައީސް ނަޝީދުގެ ބަޔާނެއް ދެއްވަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދު ބަޔާނެއް ދެއްވަން ބޭނުންފުޅުވާކަން މިހާރު ހާމަކުރެއްވިއިރު، މީގެ ކުރިން ބަޔާން ދެއްވުމަށް ރައީސް ނަޝީދު ވަނީ ދެކޮޅު ހައްދަވާފަ އެވެ. މިގޮތުން މީގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސް މެންޝަން ކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދެއްވަން އޮތް ބަޔާނަކީ ވެސް އަދި ބުނެލަން އޮތް ބަހަކީ ވެސް އެމަނިކުފާނުގެ ޖާނާއި، ހިތާމޭ ކަމަށެވެ.

މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި ޕާކުކޮށްފައިއޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ވަރަށް ބޮޑަށްވަނީ އަނިޔާވެ ވަޑައިގެންފަ އެވެ.

މި މައްސަލައިގައި ދައުވާ އުފަލަން ޕީޖީ އޮފީހުން ނިންމީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަދަނޫ ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ