ކާބުލް (06 ސެޕްޓެމްބަރު) - އަފްޣާނިސްތާނުގެ ޕްރައިވެޓް ޔުނިވާސިޓީތަކަށް ދާ އަންހެން ކުދިން މޫނު ބުރުގާ އަޅަން، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން އަމުރުކޮށްފި އެވެ.

ތާލިބާނުންގެ އެޑިއުކޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެން ދަރިވަރުންނަށް ދެން ކުލާސްތަކަށް ދެވޭނީ އަބާޔާއާއި ނިގާބް އަޅައިގެން ކަމަށެވެ.

މީގެ އިތުރުން ޔުނިވާސިޓީގެ ކުލާސްތައް ދެޖިންސު ވަކިކޮށް ކުރިއަށް ގެންދިއުމަށް ވެސް އެ ޖަމާއަތުން ވަނީ އަންގާފަ އެވެ. މީގެ އިތުރުން އަންހެން ދަރިވަރުންނަށް ކިޔަވައިދެވޭނީ އަންހެން މުދައްރިސުން ނުވަތަ ރަނގަޅު އަޚްލާގެއްގެ އުމުރުން ދޮށި ފިރިހެން މުދައްރިސުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ގަވާއިދަކީ ހޯމަ ދުވަހު ހުޅުވަން ހަމަޖެހިފައިވާ އަފްޣާނިސްތާނުގެ ޕްރައިވެޓް ޔުނިވާސިޓީތަކަށް އަމާޒުކޮށް ނެރެފައިވާ ގަވާއިދެކެވެ.

ފާއިތުވި މަހު ވެރިކަމަށް އިސްވި ތާލިބާނުން ކުރިން ބުނެފައިވަނީ މީގެ ކުރިއާ ޚިލާފަށް އަންހެނުން މޫނު ބުރުގާ އެޅުން މަނާކޮށް އަންހެނުންގެ ހައްގުތައް ނުހިފަހައްޓާނެ ކަމަށެވެ.

މީގެ ކުރިން 1996 ވަނަ އަހަރުން 2001 ވަނަ އަހަރާ ހަމައަށް ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު އަންހެނުންނަށް އެންމެ އަސާސީ ހައްގުތަކުން ވެސް މަހުރޫމް ކުރެވިފައިވެ އެވެ. – އަލް އަރަބިއްޔާ