އިހު ދިވެހިންނަކީ އެކި ކަންކަމުގައި އެކި ދުވަސްތައް ފާހަގަކޮށް އުޅުނު ބައެކެވެ. ކޮންމެ ދުވަހަކަށް ވެސް ހާއްސަ ކަމެއް ލިބިފައިވާއިރު އެ ދުވަސްތައް ފާހަގަކޮށް އުޅޭ ގޮތް ވެސް ތަފާތުވެ އެވެ.
ބޯފޮޅި ދުވަހަކީ މިގޮތުން ރާއްޖޭގައި ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަކުރި ދުވަހެކެވެ. މި ދުވަސް ހާއްސަވެފައި އޮންނަނީ އާއްމު ކެއިންބުއިމުގެ ބަދަލުގައި ބޯފޮޅި ފިހެ ކެއުމަށް ބޭނުންކުރާ ދުވަހެއްގެ ގޮތުގަ އެވެ.
ބޯފޮޅިއަކީ ހަނޑުލާއި ގަބުޅިހުނި އެއްކޮށް، ފުނޑައި ބޯކިރު އަޅައިގެން ފެންފޮޅިއަށް ވުރެ ތަންކޮޅެއް ބޯކޮށް ފިހާ ފޮޅިއެކެވެ. މިއީ ލައިގެންކާ އެއްޗިއްސާ އެއްކޮށް ބަތް ނުވަތަ ރޮށީގެ ބަދަލުގައި ބޭނުންކުރި އެއްޗެކެވެ.
ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖޭގައި ބޯފޮޅި ދުވަސް ފާހަގަކުރެވޭ ހަތަރު ދުވަހެއްވެ އެވެ. އެއީ ޖުމާދުލް އާޚިރާ މަހުގެ 29 ވަނަ ދުވަހާއި ޝައުބާން މަހުގެ 14 ވަނަ ދުވަހާއި އެމަހުގެ 29 ވަނަ ދުވަހުގެ އިތުރުން ހައްޖު މަހުގެ 8 ވަނަ ދުވަހެވެ.
ބޯފޮޅި ދުވަހުގެ އަސުރު ނަމާދަށް ބަންގި ގޮވުމުން ނާބުސްޚާނުން ބެރެއް ޖަހާކަން އެނގިފައިވެ އެވެ. މިއީ ފާތިހާ ބެރެވެ. މިބެރުގެ ބޭނުމަކީ ގޭގޭގައި ފާތިހާ ކިޔެވުމަށް ތައްޔާރުކުރުވުމެވެ. އެގޮތުން ކޮންމެ ގެއަކުން ވެސް މަރުވެފައިވާ ތިމާގެ މީހުންނާއި އާއިލާ މީހުންނަށް ފާތިހާ ކިޔަވާނެ އެވެ. އަދި ދިރިތިބި ތިމާގެ މީހުންނަށާއި އަވަށްޓެރިންނަށް ބޯފޮޅި ބަހާނެ އެވެ.
ބޯފޮޅި ދުވަހުގެ ނިމުން ފާހަގަ ކުރެވެނީ ބޯފޮޅި ވިލޭރޭގެ ރޭގަނޑު 9 ޖެހުމުން ރަދުން ފުރިހަމަ އިއްޒަތުގައި ގަނޑުވަރުން ބޯފޮޅިއަށް ވަޑައިގަތުމުންނެވެ.
ބޯފޮޅިއަކީ އަމިއްލަ ވަންތަ ދިވެހި ރަހައެއް ލިބިގެންވާ ދިވެހި ކެއުމެކެވެ. މިއަދު ބޯފޮޅީގެ އަސްލު ރަހަވަނީ ގެއްލި އޮޅިފަ އެވެ.