ތ. ހިރިލަންދޫ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި ދަރުވަރުންނަށް ކިޔެވުމަށް ދަތިވާތީ ބެލެނިވެރިން ނުކުމެ މިއަދު ސްކޫލްގައި ތަޅުއަޅުވައި ބަންދުކޮށްފި އެވެ.

ހިރިލަނމްދޫން ވާހަކަ ދެއްކި މީހަކު ބުނީ ސްކޫލްގައި ތަޅު އަޅުވަން ޖެހުނީ ދަރިވަރުންނަށް ކިޔަވަން ނުތިބެވޭ ވަރަށް ސްކޫލްގެ ހާލަތު ގޯސްވެ އެކަމަށް ސަރުކާރުން ހައްލެއް ނުލިބުމުގެ ސަބަބުން ކަމަށެވެ. ސްކޫލްގައި ކިޔަވައިދެމުންދަނީ ވަރަށް ބާ ކްލާސްރޫމްތަކެއްގައި ކަމަށާއި އެއްވެސް ކަހަލަ ނިވާ ކަމެއް ނެތް ކަމަށް ވެސް އެ މީހާ ބުންޏެވެ.

މީގެ އިތުރުން ވާރޭ ވެހޭނަމަ ކްލާސްރޫމްތަކަށް ފެންވަދެ އެތެރޭގައި ފެންބޮޑުވެ، ދަރިވަރުންގެ ފޮތްތަކާއި ގޮނޑި މޭޒު ފަދަ ތަކެތި ތެމި މިފަދަ އެތައް ކަމެއް ކުރިމަތިވަމުންދާ ކަމަށް ވެސް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ސޯޝަލް މީޑިއާގައި ވަނީ ހިރިލަންދޫގައި ކުރިއަށްދާ އިހްތިޖާޖުގެ ފޮޓޯތައް އާއްމުވެފަ އެވެ. އެގޮތުން ސްކޫލްގެ ބެލެނިވެރިން ބޭރު ގޭޓުގައި ތަޅުއަޅުވާ ބޯޑު ހިފައިގެން އިޖްތިޖާޖު ކުރަމުންދާއިރު ސްކޫލްގެ މުޅި ގޯތި ތެރެއާއި ކްލާސް ރޫމްތަކުގައި ފެންބޮޑުވެފައިވާ ފޮޓޯތައް ވެސް ހުއްޓެވެ.

ހިރިނަލްދޫގެ މީހަކު ބުނީ ސްކޫލް މަރާމާތުކޮށް ދަރިވަރުންނަށް ކިޔަވަން އެކަށީގެންވާ ތަނަކަށް ހަދައިދިނުމަށް އެކި ސަރުކާރުތަކުގައި ދަންނަވާތާ 15 އަހަރު ވެއްޖެ ކަމަށާއި ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް ހިމަނައި، އެއްވެސް ކަހަލަ އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ މިއަހަރު ވެސް ބަޖެޓު ކުރެއްވި އެއްވެސް ކަމެއް ކުރެވިފައި ނުވުމާއި، ހިރިލަންދޫ ސްކޫލަށް ވުރެ ފެންވަރު ރަނގަޅު ސްކޫލްތަކުގައި ޕްރޮޖެކްޓްތައް ހިންގާއިރު ހިރިލަންދޫ ސްކޫލަށް އެއްވެސް ކަމެއް ކޮށްނުދޭތީ ކަމަށް ވެސް އެ މީހާ ބުންޏެވެ.

ސްކޫލްގެ ބެލެނިވެރިން ގޮވާލަމުންދަނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާ ދިނުމަށެވެ.