ކުޑައިރު ބަލަމުން އައި ކާޓޫނުތަކުގެ ކެރެކްޓަރުން ދިވެހިވަންތަ ސިފައެއްގައި ޚިޔާލަށް ގެނެވޭ ހެއްޔެވެ؟ ދިވެހި ހެދުމެއްގައި ދިވެހި މާހައުލެއްގައި އުޅޭތީ ސިކުނޑިއަށް ސިފަ ކުރެވޭ ހެއްޔެެވެ؟

ށ. ފުނަދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަލީ އާސިފް އޭނާގެ ހުނަރުން އަހަރުމެންނަށް ކުރަހައިދެނީ މި މަންޒަރުތަކެވެ. ސިފަކޮށްދެނީ ދިވެހި ސަގާފަތުން ބޭރުގެ އެ ކެރެކްޓަރުންނަށް ގެނެސްދޭ މުއްސަނދިކަމެވެ.

އިންސްޓަގްރާމްގައި "ކްލެސީ އާޓްސް"ގެ ނަމުގައި ހިންގާ ޕޭޖަކީ އާސިފްގެ އެ މަސައްކަތެވެ. ފެހި ކުރު ހެދުމެއްގައި "މޯނާ" ހުރިއިރު ދިވެހި ލިބާހެއްގައި "ސިންދްރެއްލާ" ފެންނަ ގޮތް ވަރަށް ނަލަ އެވެ. ޖާދޫގެ ކުނަލެއްގެ ބަދަލުގައި ކަނދުފައްޗެއްގައި "އަލައްޑިން" އާއި "ޖޭސްމިން" ތިބިއިރު "ރެޕަންޒިލް" އާއި "ފްލިން" ބޮއްކުރައެއްގައި ތިބި ގޮތް ވަރަށް ހިތްގައިމެވެ.

https://www.instagram.com/p/CDlsgjVpKYV/?utm_medium=copy_link

މިއީ އާސިފްގެ ޚިޔާލުން އުފަންކުރުވި ޑިޒްނީ ކެރެކްޓަރުންގެ "މޯލްޑިވިއަން ވާޝަން" އެވެ. ދިވެހި ސަގާފަތް ދައްކުވައިދޭ ފަންނުވެރި ކުރެހުންތަކެވެ.

"ހިތަށް އެރީ އެ ކެރެކްޓަރުތައް ދިވެހި ގޮތަކަށް ޕްރެޒެންޓް ކުރީމަ ވާނީ ކިހިނެއް ބާއޭ. ދެން ރެސްޕޮންސް ރަނގަޅުވީމަ ކުރިއަށް ދިޔައީ،" އާސިފް ބުންޏެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިއަށް ބަލާލާއިރު އާސިފްއަކީ އާޓްސްއަށް ބީރައްޓެއްސެކެވެ. ފުލްޓައިމް ވަޒީފާއެއް އަދާކުރަމުން ދިޔަ އާސިފް އާޓްސްގެ ދާއިރާއިން ކުރިއަށް ދިއުމަށް އެއްވެސް ވަރަކަށް ގަސްދެއް ކޮށްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރު އޭޕްރީލް މަހު މުޅި ރާއްޖެއަށް އިއުލާން ކުރި ލޮކްޑައުންއާއެކު އާޓްސްގެ އަޖުމަ ވެސް ބަލާލުމަށް އޭނާ ނިންމި އެވެ.

https://www.instagram.com/p/B-J_zuwhAcc/?utm_medium=share_sheet

އެގޮތުން އެ މަސައްކަތް އޭނާ ފަށައިގަތީ ވަރަށް އާދައިގެ ގޮތަކަށެވެ. ފެންކުލަ ބޭނުންކޮށްގެން ކުރަހަމުން އައި ސިނާރިއޯތައް ޑިޖިޓަލް ޕޯޓްރެއިޓްއަށް ބަދަލުވި އިރުވެސް އޭނާ ކުރަހަމުން އައީ ފޯނު ބޭނުންކޮށްގެން އަތުންނެވެ.

"އައިޕެޑްގަ ޕެން ބޭނުންކޮށްގެން ކުރަހަން ފެށީ މި އަހަރު. އެންމެ ފުރަތަމަ ކޮޅު މުޅިން ވެސް ކުރަހާފަ ހުންނާނީ ފޯނުގަ،" އާސިފް ބުންޏެވެ.

އާޓްސްގެ ރޮނގުން އެއްވެސް ތަމްރީނެއް ލިބިފައިނުވާ އާސިފް މިހާ ހިސާބަށް އައީ އޭނާގެ އަމިއްލަ މަސައްކަތުންނެވެ. މުދައްރިސުންނަށް ވީ ޔޫޓިއުބް ޓިއުޓޯރިއަލްސް އާއި ވީޑިއޯތަކެވެ. ހިތްވަރަކަށްވީ އޭނާގެ ހުނަރާއި ކްރިއޭޓިވިޓީ އެވެ.

https://www.instagram.com/p/CMPSTU5g1z3/?utm_medium=copy_link

އޭގެ ފަހުން އަހަރެއް ފާއިތުވެ ދިޔައިރު އާސިފްގެ މަސައްކަތްތައް އޭނާގެ އިންސްޓްގްރާމް ޕޭޖުން ވަރަށް ސާފުކޮށް ފެނެ އެވެ. މިދާއިރާގައި އޭނާގެ ހުރި ހުނަރުވެރިކަން ވެސް ވަރަށް ރަނގަޅަށް އެނގިގެންދެ އެވެ.

އާޓްސްގެ ދާއިރާގައި މިހާތަނަށް އައި އިރު ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ތަރުހީބާ މެދު އާސިފް ހުރީ ހިތްހަމަ ޖެހިގެންނެެވެ. މިވަގުތަށް ބަލާއިރު ގިނަ އޯޑަރުތަކެއް ލިބެމުންދާ ކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

"ވަރަށް ރަނގަޅު ލިބޭ ރެސްޕޮންސް. އޯޑަރުތައް ވެސް ފުދޭވަރަކަށް ލިބޭ. އަބަދުވެސް އުޅެން ޖެހެނީ ކޮންމެވެސް އޯޑަރެއްގެ މަސައްކަތުގައި،" އާސިފް ބުންޏެވެ.

https://www.instagram.com/p/CNpyRrBJhca/?utm_medium=copy_link

އާސިފްގެ މަސައްކަތްތަކަށް ބަލާލިއިރު އެންމެ ފާހަގަ ކުރެވޭ ތަފާތު ކަމަކަށްވީ އޭނާގެ އަމިއްލަ ޚިޔާލަށް އުފައްދައި ކުރެހި ރެދަން ކާޓޫން ކޮލަމްތަކެވެ. ގިނަ ކުރެހުންތަކެއްގެ އެކުލަވައިގެން ވާހަކަ ފޮތެއްގެ ސިފައިގައި މި ކާޓޫން ނެރެން އާސިފް އަަންނަނީ ތައްޔާރު ވަމުންނެވެ.

މީގެ އިތުރުން "މޯލްޑިވިއަން އެވެޓާ" ގެ ނަމުގައި މިހާރު އޭނާ މަސައްކަތް ކުރަމުންދާ ކާޓޫން ޕްރޮޖެކްޓަކީ ހަ ކެރެކްޓަރުންގެ މައްޗަށް އެކުލެވޭ ކާޓޫނެކެވެ. އޭގެ ތެރެއިން ދެ ކެރެކްޓަރެއް ދައްކާލާފައި ވާއިރު އިތުރު ކެރެކްޓަރުން ވެސް ވަރަށް އަވަހަށް ފެންނާނެ ކަމަށް އާސިފް ބުންޏެވެ.

އަލީ އާސިފް

އާޓްސްގެ މަސައްކަތުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަގުތުގެ ދަތިކަން ކަމަށް އާސިފް ފާހަގަ ކުރި އެވެ. ފުލް ޓައިމް ވަޒީފާއެއްގައި އުޅެމުން އާޓްސްގެ މަސައްކަތްތަކަށް އޭނާ ހުސްވަނީ ރޭގަނޑުގެ ވަގުތުގަ އެވެ. ހަމައެއާއެކު ފަންނީ ލަފައާއި ތަމްރީނު ލިބިފައި ނެތުމަކީ ވެސް ބައެއް ފަހަރު އޭނާއަށް ކުރިމަތިވާ އުނދަގުލެކެެވެ.

ފުރުސަތު ލިބިއްޖެނަމަ މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ވެސް އޭނާ ހުރީ ތައްޔާރަށެވެ. އެގޮތުން އެނިމޭޝަންގެ ރޮނގުން ތަމްރީން ހޯދައި ޕްރޮފެޝަނަލް ކާޓޫނިސްޓަކަށްވުމަކީ މިހާރު އާސިފްގެ އުއްމީދެކެވެ.

މި ދާއިރާއިން ކުރިއަށް ދިއުމުގައި އާއިލާއާއި ރަހްމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން އާސިފް ފާހަގަ ކުރި އެވެ. އެއީ މި ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމުގައި އޭނާ ދެކެ އެވެ.

https://www.instagram.com/p/CRieT9ZJqLl/?utm_medium=copy_link

"އެކުވެެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. އެ މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ،" އާސިފް ބުންޏެވެ.

އާޓްސްގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަށް އާސިފްގެ އޮތީ އެންމެ މެސެޖެކެވެ. އާޓްސްއަކީ މިއަދު މި ރާއްޖޭގައި ވެސް ގިނަ ފުރުސަތުތަކެއް ފަހިވެފައިވާ ދާއިރާއެއްކަން ފާހަގަ ކުރަމުން އާސިފް ބުނީ ކޮންމެ ކުއްޖަކަށް ވެސް މި ދާއިރާގައި ރަނގަޅު މުސްތަގުބަލެއް އެބަ އޮތް ކަމަށެވެ.

"މިއަދު ވަރަށް ގިނަ ފުރުސަތުތައް އެބަ އޮތް އާޓްސްގެ ދާއިރާއިން ހުޅުވިފަ. އަސްލު ރަނގަޅު ދާއިރާއެއް މީ ކުރިއަށް ދާން،" އޭނާ ބުންޏެވެ.

އާސިފް ފަދަ ޒުވާނުންނަކީ މިއަދު ރާއްޖޭގެ އެންމެ ބޮޑު ރައުސުލްމާލެވެ. އެ ޒުވާނުންގެ ފަންނީ ހުނަރާއި ގާބިލިއްޔަތު ކަމަކީ އެ ކަންކަމުގެ ބިނާގައި ދިވެހި ރާއްޖެއަށް ރީތި ނަން ހޯދިދާނެ ކަންކަމެވެ. ބޭނުންވަނީ މުޖުތަމައުގެ އެއްބާރުލުމެވެ. ފަރުދުންގެ ހިތްވަރާއި ތަރުހީބެވެ.