ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ދައުވާކުރަން ފޮނުވުމުން ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިނިސްޓަރު އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި އެވެ.

ނަމަވެސް އެ އޮފީހުން މިއަދު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑެކްލައިންކޮށްފައިވާ ކަމަށެވެ.

މިއީ ކޮރަޕްޝަންގެ މައްސަލައެއްގައި މި ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ފުރަތަމަ މައްސަލަ އެވެ.

އޭސީސީން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގުކުރިއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، ހެލްތު މިނިސްޓްރީއަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 ޕަސެންޓަށްވާ ފައިސާ އާއި 15 ޕަސެންޓަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ މިނިސްޓަރު އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ކުރާ ތުހުމަތާގުޅޭ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށްބަލާއިރު، މިނިސްޓްރީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އަމީން ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ ޑރ. އަލީ އަލް ތުކުމަޗީ އަށް މިނިސްޓްރީ އޮފް ހެލްތު ތައާރަފްކޮށްދީފައި ވަނީ އަމީން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ބުނީ އެ ފަރާތުގެ ކޮންޓެކްޓް ހެލްތުގެ ޑިރެކްޓަރު (ފައިނޭންސް އެގްޒެކްޓިވް)، އަހުމަދު އަސްލަމްއަށް ދީފައި ވަނީ އަދި އެ ފަރާތަކީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް ހެލްތުގެ ބިޑް ކޮމިޓީއަށް ތަޢާރަފްކޮށްދީފައި ވަނީ މިނިސްޓަރު އަމީން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

"މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއް ކަމަށް ބަލައި، އެކަމަށް ކޮންސިޑާކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭ ކަމަށެވެ. އަދި އެއީ މިނިސްޓަރު އަމީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށާއި ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ، އާންމުކޮށް އެދުވަސްވަރުގެ ބިޑުކޮމިޓީތަކުގައި ބައިވެރިވެފައިނުވާ ދެ މެމްބަރުން ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓަރު އަމީން ބުނެފައިވާކަން އެނގޭތީ އާއި، 75 ވެންޓިލޭޓަރުގެ 75 ޕަސެންޓް އެޑްވާންސްޕޭމަންޓް ޕްރޮސެސް ކުރިއަށްގެންދިއުމާ ގުޅިގެން، ޕޭމަންޓް ދެއްކުން އަވަސްކުރުމަށް މިނިސްޓަރު އަމީން މަސައްކަތްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވޭ،" އޭސީސީން ބުނެފައިވެ އެވެ.