ނ. ހޮޅުދޫގެ މަގެއް ކޮންނަމުން ދަނިކޮށް ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވީ ބޮޑު ބޮލި ވަޅެއް ފެނިއްޖެ އެވެ.

މި ބޮލިވަޅު ހޮޅުދޫން ފެނިފައި ވަނީ އެރަށުގެ ކަރަންޓު އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރަން މަގު ކޮންނަމުން ދިޔަ ބަޔަކަށެވެ. މި ބޮލި ވަޅު ފެނުނީ އެ ރަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޮފީހާ ދިމާލު މަގުމަތިންނެވެ. ގާތްގަނޑަކަށް ދެ ފޫޓު ބައި އަޑީގައި ވަޅުލާފައި ހުރި، ކުދި މި ބޮލިތަކުގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ހޮޅުދޫ ކައުންސިލުން ބުނީ މީގެ ކުރިން ވެސް ހަމަ އެ މަގުން މިފަދަ ބޮލި ވަޅެއް ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއީ ފަހުގެ ތާރީހެއްގައި މިހާ ބޮޑު ބޮލި ވަޅެއް ފެނުނު ފުރަތަމަ ފަހަރު ކަމަށް ކައުންސިލުން ބުންޏެވެ.

ހޮޅުދޫ ފޭސްބުކް ޕޭޖެއްގައި އާއްމުކުރި ވީޑިއޯއެއްގައި ބޮއްޔާ ގުޅޭގޮތުން އެ ރަށުގެ އުމުރުން ދުވަސްވީ މީހުން ބުނީ މިބޮލިތައް މި ފެނުނީ ކުރިން އެ ރަށުގެ ކާޑުގެ ހުރި ތަނުން ނުވަތަ އެ ތަނުގެ ކުރިމަތިން ކަމަށެވެ. ކާޑުގެއަކީ އިހު ޒަމާނުގައި ކާޑުގެ ބާވަތްތައް ރައްކާކޮށްގެން ގެންގުޅުނު އިމާރާތެވެ.

https://fb.watch/89eAUkTs3Z/

"މިއީ ރައްޔިތުންގެ ބޮލި ވަޅެއް. އެއީ ބޮލި ނަގައިގެން ގޮސް، ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި ރައްކާކޮށްފައި. އެއީ ވަރަށް ކުރީގައި މީހުން ފައިސާގެ ގޮތުގައި ވެސް ބޭނުން ކުރި އެއްޗެއް. އަހަރުމެން އެ ނަގައިގެން ގޮސް މާލެއަށް ވިއްކާ ވެސް ހަދަން. ގާތްގަނޑަކަށް މި ބޮލި ވަޅަށް ވެދާނެ 100 އަހަރަށް ވުރެ ގިނަ ދުވަސް،" އެ ވީޑިއޯގައި އެ މީހާ ބުނެފައިވެ އެވެ.

ހޮޅުދޫން ބޮލި ވަޅެއް ފެނުނުއިރު މިދިޔަ އަހަރު، އެ އަތޮޅު މާފަރުން ވެސް ވަނީ މިފަދަ ބޮޑު ބޮލި ވަޅެއް ފެނިފަ އެވެ.