ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ރާއްޖެއިން ބޭރުގެ ވަކީލުންނަށް ދިނުމަށް ކަމާގުޅޭ ހާއްސަ އުސޫލެއް ބާ ކައުންސިލުން އެކުލަވާލައިފި އެވެ.
ބާ ކައުންސިލުން އަލަށް ނެރުނު ގަވައިދުގައިވާ ގޮތުން ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރެވޭނެ އެވެ.
އެގޮތުން އެންމެ މުހިންމު އެއް ޝަރުތަކީ ބާ ކައުންސިލްގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިފައިވާ ވަކީލެއް ކަމުގައިވުމެވެ. ދިވެހި ވަކީލަކާ ނުވަތަ ދިވެހި ވަކީލުން ހިމެނޭ ލޯ ފާމްއަކާ ގުޅިގެން ވަކާލާތު ކުރާ ވަކީލަކަށް ވާން ޖެހޭނެ ކަމަށް އެ ގަވައިދުގައިވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީސް ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ބޭނުންވެގެން، ދައުލަތުގެ އެ ދެ މުއައްސަސާއެއް ތަމްސީލު ކުރެވޭ ގޮތަށް ބިދޭސީ ވަކީލުންގެ އެހީތެރިކަން ބޭނުންވެގެން ހުށަހަޅާނަމަ އެ ވަކީލުންނަށް ވެސް ރާއްޖޭގައި ވަކާލާތު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ގަވައިދުގައިވެ އެވެ.
ގަވާއިދުގައިވާ ގޮތުން، ބިދޭސީ ވަކީލަކަށް ވަކާލާތު ކުރަން ހުއްދަ ދެވޭނީ، އޭނާ ވާހަކަ ދައްކާ ބަހަކުން ކޯޓުގައި ވާހަކަ ދެއްކުމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރ ނުވަތަ ފަނޑިޔާރުންގެ އިއުތިރާޒެއް ނެތް ނަމައެވެ. އަދި އޭނާ ދައްކާ ވާހަކައެއް ތަރުޖަމާކޮށްދޭން މީހަކު ހުންނަންވާނެ އެވެ.
ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތު ކުރުމަށް ފީއެއް ނެގުމަށް ވެސް ނިންމާފައިވެ އެވެ. އެއީ ދަށު ކޯޓުތަކުގައި ވަކާލާތު ކުރަން 2،000 ރުފިޔާގެ ފީއެކެވެ. ހައި ކޯޓުގައި ވަކާލާތު ކުރަން 5،000 ރުފިޔާގެ ފީއެއް ނަގާއިރު ސުޕްރީމް ކޯޓުގައި ނަމަ 10،000 ރުފިޔާގެ ފީއެއް ނަގާނެ އެވެ.