ގުޖުރާތު (25 ސެޕްޓެމްބަރު) - އަފްޣާނިސްތާނުގެ ކަންދަހާރުން އިންޑިއާގެ ގުޖުރާތަށް އެތެރެކުރަން މަސައްކަތް ކުރި 3،004 ކިލޯގެ މަސްތުވާތަކެތި އިންޑިއާގެ ފުލުހުން އަތުލައިގަނެފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ގާތް އެކުވެރިޔާ އަދި އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނީ ގައުތަމް އަދާނީ ހިންގާ ގުޖުރާތުގެ މުންދްރާ ޕޯޓު މެދުވެރިކޮށް އެތެރެ ކުރަން އުޅުނު މި މަސްތުވާ ތަކެއްޗަކީ މިހާތަނަށް އިންޑިއާއިން އަތުލައިގަނެވުނު މަސްތުވާތަކެތީގެ އެންމެ ބޮޑު ޝިޕްމަންޓެވެ.

މިއާއެކު އަފްޣާނިސްތާނުގައި އޮތް މަސްތުވާތަކެތީގެ ވިޔަފާރި އަދިވެސް ދަނީ ފުޅާވަމުން ކަމަށް މާހިރުން ދަނީ ބުނަމުންނެވެ. އަދި ތާލިބާނުންގެ ހަރުކަށި ގަވާއިދުތަކާއެކު ވެސް ކުރިއަށް އޮތް ތަނުގައި އެވިޔަފާރި އިތުރަށް ފުޅާވަމުން ދާނެ ކަމަށް އެބޭފުޅުން ލަފާ ކުރެ އެވެ.

ސެޕްޓަމްބަރު 13 ވަނަ ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ ޝިފްމަންޓަކީ ކޮސްމެޓިކް ފުޅިތަކެއްގައި އެތެރެ ކުރަން އުޅުނު ހެރޮއިންގެ ޝިޕްމަންޓެކެވެ. މި މަސްތުވާތަކެތީގެ އަގު 642 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އިންޑިއާގެ ފުލުހުން ބުނެފައިވެ އެވެ.

އިންޑިއާގެ ކަސްޓަމްސްއިން ބުނި ގޮތުގައި މިހާ ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އެއްފަހަރާ އެތެރެކުރަން މަސައްކަތް ކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް އަފްޣާނިސްތާނުގެ ވެރިކަން ބަދަލުވުމާއެކު މަސްތުވާތަކެތި އެ ގައުމުން ބޭރުކުރަން ބޭނުންވުން އެއީ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި މައިގަނޑު ސަބަބު ކަމަށް އޮފިޝަލުން ލަފާ ކުރެ އެވެ.

އަފްޣާނިސްތާނަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޮޕިއަމް މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން އުފައްދާ ގައުމެވެ. ދުނިޔޭގެ އޮޕިއަމް އުފެއްދުންތެރިކަމުގެ 80 ޕަސެންޓް އުފައްދަނީ އެ ގައުމުގަ އެވެ.

މާހިރުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ މަސްތުވާތަކެތީގެ ވިޔަފާރިއަށް ތާލިބާނުންގެ ވެރިކަމުގައި ވެސް އެއްވެސް ބަދަލެއް އައުން ދުރެވެ.

އިންޑިއާއިން އަތުލައިގަނެވުނު މަސްތުވާތަކެތީގެ މައްސަލައިގައި މިހާތަނަށް 8 މީހަކު ހައްޔަރު ކުރެވިފައިވާއިރު، އެކަކު ފިޔަވައި އެހެން ހުރިހާ މީހުންނަކީ ވެސް އަފްޣާނިސްތާނުގެ ރައްޔިތުންނެވެ. -- ދަ ސްޓްރެއިޓް ޓައިމްސް