ކާބުލް (26 ސެޕްޓެމްބަރު) - ކާބުލް އެއާޕޯޓުގައި ހުރި ޓެކްނިކަލް މައްސަލަތައް ހައްލުވެއްޖެ ކަމަށް ބުނެ އެ އެއާޕޯޓަށް އަލުން ދަތުރުތައް ފެށުމަށް ތާލިބާނުން ހުރިހާ އެއާލައިންތަކަށް ގޮވާލައިފި އެވެ.
މިދިޔަ މަހު ކާބުލް އެއާޕާޓުން މީހުން ފުރުވުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އެ އެއާޕޯޓުގެ ގިނަ ޚިދުމަތްތަކަކަށް ވަނީ ބުރޫ އަރާފަ އެވެ.
އޭގެ ފަހުން އަފްޣާނިސްތާނަށް ދަތުރުކުރަމުން އައީ ޗާޓަރު ފްލައިޓްތައް އެކަނި ނަމަވެސް ދާދި ފަހުން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް އާއި އީރާނުގެ މަހަން އެއާގެ އިތުރުން އަފްޣާނިސްތާނުގެ ކާމް އެއާ އިން ވަނީ އެ އެއާޕޯޓަށް ހާއްސަ ދަތުރުތަކެއް ކުރަން ފަށައިފަ އެވެ.
ކާބުލް އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފަށަން ތާލިބާނުން ތައްޔާރުވެފައި ވާއިރު، އެ ޖަމާއަތުން ވަނީ އޮޕަރޭޝަންތައް ފެށުމާއެކު ބޭނުން މީހަކަށް އެ ގައުމަށް ވަދެ ނުކުމެ ހެދޭނެ ކަމަށެވެ.
މިދިޔަ މަހު އަފްޣާނިސްތާނުގައި ކުރިއަށް ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެއާލައިންތަކުން އެ ގައުމަށް ކުރަމުން އައި ދަތުރުތައް ހުއްޓާލުމާއެކު އެގައުމުގެ ގިނަ ރައްޔިތުންތަކެއް ވަނީ ބޭރު ގައުމުތަކުގައި ތާށިވެފަ އެވެ.
ކާބުލް އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަކީ އަފްޣާނިސްތާނުގެ އިގްތިސާދު އަލުން ފަށައިގަތުމަށް މުހިއްމު ކަމެއް ކަމުގައި ތާލިބާނުން ބުނެފައިވާއިރު އެއީ އެންމެ އިސްކަމެއް ދީގެން އެ ޖަމާއަތުން މިހާރު ކުރަމުން އަންނަ އެއްކަމެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް