އޭނާ އަކީ ނުވަދިހައިގެ އަހަރުތަކުގައި ރޯދަމަހު ޓީވީއެމުން ފޮނުވި މަޝްހޫރު "ދަންމާނު" ޕްރޮގްރާމް ހުށަހެޅުއްވި އެއް ޕްރެޒެންޓަރެކެވެ. ޓީވީއެމްގެ އެ ނޫން ވެސް ބައެއް ޕްރޮގްރާމްތައް ހުށަހެޅުއްވުމުގައި އޭނާ ދުވަސްކޮޅަކު އުޅުއްވި އެވެ. އެއީ މާޒީގައި އޭނާ ދެއްކެވި ފޫހިނުވާ ފަދަ ރީތި މަންޒަރުތަކެކެވެ.
ހެލްތު މިނިސްޓަރުކަމުން ރޭ އިސްތިއުފާ ދެއްވި އަބްދުﷲ އަމީން ސިޔާސީ މައިދާނަށް ނުކުންނެވީ، 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑރ. ހަސަން ސައީދުގެ ކެމްޕޭންގެ ތެރެއިންނެވެ. އޭގެ ފަހުން އޭނާ ފެނިގެން ދިޔައީ ސިޔާސީ އެކިއެކި ޕޯޑިއަމްތަކުންނާއި އެކި ސަރުކާރުތަކުގެ ވަޒީރު ފެންވަރުގެ މަގާމުތައް އަދާކުރެއްވި ޒުވާން ސިޔާސީ ސަޚުސިއްޔަތެއްގެ ގޮތުގަ އެވެ.
ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން އަދި މި ސަރުކާރުގެ ހެލްތު މިނިސްޓަރުކަން ކުރެއްވި އެވެ. ނަމަވެސް ގދ. ގައްދުއަށް އުފަން އަމީން ވެގެން ގޮސްފައި މިވަނީ ފަހު ތާރީޚުގައި ސިޔާސީ ގޮތުން އެންމެ ހުތުރު ލަތްގަނޑެއް ޖެހުނު އެއް ބޭފުޅަކަށެވެ. ވައްކަމުގެ ހުތުރު ލަތްގަނޑެކެވެ.
މިއަހަރުގެ ކުރީކޮޅު މުޅި ދުނިޔެއަށް ކޮވިޑް ވަބާ ފެތުރި، އެތައް ބައެއް ފުރާނަ ޝިކާރަކުރަމުން ގޮސް ރާއްޖެއާ ހަމަޔަށް އެ ވަބާ ކުރިމަތިވިއިރު ސިއްހީ ދާއިރާގެ މުގުލުގައި އެންމެ އިސްކޮށް ހުންނެވީ އަމީނެވެ. މި ބަލި ރާއްޖެ އައުމުގެ ކުރިން އަމީން ހިމެނޭ ގޮތަށް ސަރުކާރުގެ އެކި ވެރިން ގެންދެވީ އެ ކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަކަން ރައްޔިތުންނަށް ދައްކަވަމުންނެވެ. އުއްމީދީ ހުވަފެންތަކެކެވެ.
މި ބަލި މަޑުކަން މުޅި ދުނިޔެއަށް ކުއްލިއަކަށް ފެތުރި އެތައް މިލިއަން ބަޔަކަށް މި ބަލި ޖެހި މަރާ ހަނގުރާމަ ކުރިއިރު، އެންމެ ބޮޑަށް ބޭނުން ޖެހިފައި އޮތީ ވެންޓިލޭޓަރަށެވެ. އިންސާނުންގެ ނޭވާލާ ނިޒާމަށް ހަމަލާދޭ ނުރައްކާތެރި މި ބަލި ފެތުރެން ފެށުމުން މުޅި ދުނިޔޭގައި ވެސް ވެންޓިލޭޓަރުގެ ޑިމާންޑް އެތައް ގުނައެއް ބޮޑުވެ، އެކަށީގެންވާ މިންވަރަށް ލިބުން މުއްސަނދި ބޮޑެތި ގައުމުތަކަށް ވެސް ދަތިވި އެވެ. އެއީ މިބަލި ފެތުރެން ފެށިއިރު، ކުންފުނިތަކުން ވެންޓިލޭޓަރު އުފައްދައި ސްޓޮކްކޮށްފައި ނެތުމުންނެވެ.
މި ބަލި ރާއްޖެ އައުމުގެ ކުރިން ސަރުކާރުން ވެސް އެންމެ އަވަސްވެގަތީ ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށެވެ. މި މަސައްކަތް ހަވާލުކޮށްފައި އޮތީ ހެލްތު މިނިސްޓްރީއާ އެވެ. އެ ވެންޓިލޭޓަރުތައް ހޯދަން އެ މިނިސްޓްރީން ނިންމީ ވީއެންމެ ކުރު މަގުތަކުން ދަތުރުކޮށްގެންނެވެ. އެގޮތުން ބިޑްކުރުމެއް ނެތި، މެޑިކަލް ސާމާނު ސަޕްލައިކުރާ ތިން ހަތަރު ޕާޓީއެއްގެ އަތުން ކޯޓޭޝަން ހޯދުމަށްފަހު އަވަސް އަރުވާލައިގެން 75 ވެންޓިލޭޓަރު ގެންނަން ބަޔަކާ ހަވާލުކުރި އެވެ. އެ ހަވާލުކުރި ބަޔަކީ ދުވަހަކު ދިވެހިން އަޑު އެހި ނަމެއް ވެސް ނޫނެވެ. ދުބާއީގެ އެކްސެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏެކެވެ.
އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރަން ނިންމިފަހުން، އޭޕްރިލް 15ގައި މާލެ ސަރަހައްދުގައި ކޮވިޑް ފެތުރި، އެތައް ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓްކުރިއިރު ވެސް އެ ވެންޓިލޭޓަރުތަކެއް ނުލިބެ އެވެ. ނެޝަނަލް އިމަޖެންސީ ސެންޓަރުން އޭރު ދުވާލަކު އެއް ފަހަރު ބާއްވަމުންދިޔަ ނޫސް ކޮންފަރެންސްގައި ވެންޓިލޭޓަރުތަކާ ބެހޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރި އެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން ވާހަކަދައްކަވަން ހަވާލުވެ ހުންނެވި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ގެންދެވީ އެ ވެންޓިލޭޓަރުތައް ގެންނާނެކަމުގެ ފޮނި ހުވަފެން ދައްކަވަމުންނެވެ. އެކި ތާރީޚުތައް ފަހަނަޅައި ދިޔައިރު ވެސް ވެންޓިލޭޓަރުތައް ނުލިބުމުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން އޭނާ ގެންދެވީ އެތައް އުޒުރެއް ދައްކަވަމުންނެވެ. ޑިމާންޑާ އެއްވަރަށް ވެންޓިލޭޓަރުތައް ނުއުފެއްދޭ ކަމާއި ދުބާއީ އާއި މާލެއާ ދެމެދު ވައިގެ ދަތުރުނުކުރާތީ ގެނައުން ލަސްވަނީ ކަމަށް ބުނެ އެތައް ބަހަނާއެއް އޭނާ ދެއްކެވި އެވެ.
އެންމެ ފަހުން ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެ މައްސަލަ ގޮސް، މަޖިލީހުގައި މިނިސްޓަރު އަމީނާ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރި އެވެ. އެ ސުވާލުތަކަކަށް ވެސް އޭނާ ގެންދެވީ ހުށިޔާރުކަމާއެކު ޖަވާބު ދެއްވަމުންނެވެ. ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ ފޮނި ހުވަފެން ދައްކަވަމުންނެވެ. އެންމެ ފަހުން މަޖިލީހުން ނިންމީ އެ މައްސަލައިގެ ހަގީގަތުގެ ތެރެއަށް ފީނާށެވެ.
އޮޑިޓާ ޖެނެރަލް މެދުވެރިކޮށް އެކަން އޮޑިޓްކުރިއިރު ކަމަކުދާކަށް ނެތެވެ. ބަޔަކު މިއޮތީ މިބަލި މަޑުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑު ޖަރީމާއެއް ހިންގައިފަ އެވެ. އެވަރުން ވެސް އަމީން މަސައްކަތްކުރެއްވީ އެ މައްސަލައިގެ ހަގީގަތް ފޮރުވޭތޯ އެވެ. ދުބާއީގެ އެ ކުންފުންޏާ ހަވާލުކުރީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަމަށް ހަދައި އެކަން ޑަބްލިއުއެޗްއޯގެ ބޮލުގައި އެޅުވޭތޯ އެވެ. ނަމަވެސް އެ މައްސަލައިގެ އޮޑިޓް ރިޕޯޓުން އަމީންގެ އިހުމާލާއި މަގާމުގެ ނުފޫޒު ބޭނުންކޮށްފައި އޮތް މިންވަރު ވަރަށް ރަނގަޅަށް ހާމަވި އެވެ.
މި މައްސަލަގަނޑުގެ ތެރޭގައި އަމީންގެ ކޮއްކޮ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތަށް ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުގެ ނައިބުކަން ދެއްވި އެވެ. އުފަން ރަށް ގައްދޫގައި ވެސް ސިޔާސީ ގޮތުން ބާރެއް ނެތް މީހަކަށް މިވަރުގެ ބޮޑު މަގާމެއް ދިނުމުން ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެކަމުން ވެސް އަޑިނޭނގޭ ބައެއްގެ ނުފޫޒާއި ބާރު އަމީންގެ މައްޗަށް އޮތް މިންވަރު ހާމަވެގެންދިޔަ އެވެ.
ވެންޓިލޭޓަރުގެ މައްސަލަ އޮޑިޓާ ޖެނެރަލް ބަލަމުން ގެންދިޔައިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ވެސް ގެންދިޔައީ އެ މައްސަލައިގެ ހަގީގަތް ހޯދުމަށް އެކި ގާތަށް ފުރޮޅަމުނެވެ. އެތައް މަހެއްވީއިރު ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގު ނުނިމި ދިގުލައިގެންދާތީ މަޖިލީހުން ޝަކުވާކުރަން ފެށުމުން ކޮމިޝަނުން ބަލައި ތަހުގީގުކުރި ރިޕޯޓް މިދިޔަ ހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލްއަށް ފޮނުވިއިރު، މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ އިސްވެރިންތަކެއް ހިމެނޭ ގޮތަށް އިތުރު 10 ވެރިން ވަނީ މަގާމުގެ ނުފޫޒާއި މާލިއްޔަތުގެ އުސޫލާ ހިލާފަށް އަމަލުކުރުމުން އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ މާލިއްޔާއިން ގެއްލިގެން ގޮސްފަ އެވެ.
އަމީންގެ މައްޗަށް އޭސީސީން ތުހުމަތު ކުރަނީ ޑަބްލިއުއެޗްއޯއިން ލަފާ ހޯދައިގެން ކަމަށް ބުނެ އޮޅުވާލުމާއި ހީލަތުގެ ތެރެއިން 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒިކިއުޓާޒް ޓްރޭޑިންއަށް ދިނުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ނުލިބެނީސް އެތަކެތީގެ އަގުގެ 90 ޕަސެންޓަށްވާ ފައިސާ ކަމަށްވާ 30 މިލިއަނެއްހާ ރުފިޔާ ގެރެންޓީއެއް ނެގުމަކާ ނުލާ އެ ކުންފުންޏަށް ދީ ދައުލަތަށް ގެއްލުމެއް ވެދާނެ ގޮތަށް ވަނީ އަމަލުކޮށްފައި ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނާއި އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. ނަމަވެސް، އަދި މިހާތަނަށް ލިބިފައި ވަނީ 10 ވެންޓިލޭޓަރެވެ. އަދި ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނޭ ތާރީހެއް ވެސް އެ ކުންފުނިން ދީފައެއް ނުވެ އެވެ.
މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްއަށް ފޮނުވުމުން މައްސަލަ މޭޒުމަތީ ބާއްވައިގެން އުޅުއްވުމަށްފަހު ހަފުތާއެއްހާ ދުވަސް ފަހުން ނިންމެވީ އެ މައްސަލާގައި އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ، އަމީން ހިމެނޭ ގޮތަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރެވެން ނެތް ކަމަށެވެ. އެހެންވެ އެ މައްސަލަ އަނބުރާ އޭސީސީއަށް އިއްޔެ ފޮނުވާލެއްވި އެވެ.
ޕީޖީ އޮފީހުން މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލުމުން ދިޔައީ ހުޅުގަނޑު ފަޅައިގެންނެވެ. ސަރުކާރުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ މަޖިލިސްގެ މެމްބަރުން ކެކިއަރައި، އަމީން އަނެއްކާ ވެސް އިއްޔެ ހަވީރު އޮތް އިމްތިޔާޒު ކޮމިޓީއަށް ހާޒިރުކޮށް އެތައް ސުވާލެއް ކުރިމަތިކުރި އެވެ. މަޖިލީހުގެ މެމްބަރުން އެންމެ ބޮޑު ކަންބޮޑުވުމަކީ ވެންޓިލޭޓަރާ ބެހޭ ގޮތުން މަޖިލީހަށް ދޮގު މައުލޫމާތު ދެއްވުމުންނެވެ. ނަމަވެސް އަމީން އިއްޔެ ވެސް ގެންދެވީ އޭނާގެ ވާހަކަތައް ދިފާއު ކުރައްވަމުނެވެ. އެންމެ ފަހުން އެމްޑީޕީގެ މެމްބަރުން ނިންމެވީ އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް ޕީޖީ ގްރޫޕްގެ ރުހުން ހޯދާށެވެ.
ނަމަވެސް އެ މައްސަލާގައި ޕީޖީ ގްރޫޕް ދެކަފިވެ، އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭ މިންވަރަށް ތާއީދެއް ނުލިބުނެވެ. މިއިން ވެސް އަޑި ނޭނގޭ ވަރުގަދަ ނުފޫޒެއް އަމީންގެ ފަހަތުގައިވާކަން މެމްބަރުންނަށް އެނގިގެންދިޔަ އެވެ. އެވަރުންގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ މެމްބަރުން ދުލެއް ނުދެއްވި އެވެ. ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ނިންމެވީ ޕީޖީ ގްރޫޕްގެ ރުހުން ނުލިބުނަސް އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާށެވެ. އެއާއެކު އިއްޔެ އިރުއޮއްސުއިރު 24 މެމްބަރެއްގެ ސޮޔާއެކު މައްސަލަ މަޖިލީހަށް ވެއްދި އެވެ. އަމީނަށް ކުރިމަތިވި ޕްރެޝަރާއެކު އެންމެ ފަހުން މަޖުބޫރުވީ މަގާމުން އިސްތިއުފާ ދެއްވާށެވެ. ހުތުރު ބަދުނާމުތަކެއް ބޮލުގައި އެޅިގެން ދިޔައީ އެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ އަމީންގެ ސިޔާސީ ކުރިމަގު ވެންޓިލޭޓަރާއެކު ފަޅަފަޅައިގެން ދިޔައީ ހެއްޔެވެ؟