ކާބުލް (27 ސެޕްޓެމްބަރު) - އަފްޣާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފް ޣަނީގެ ފޭސްބުކް އެކައުންޓް ހެކްކޮށް، ތާލިބާނުންނަށް ތާއީދުކޮށް މެސެޖުތަކެއް އާއްމު ކޮށްފި އެވެ.
ހޯމަ ދުވަހު ހަވީރުގެ ވަގުތެއްގައި ޣަނީގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި އަފްޣާނިސްތާނުގެ މިހާރުގެ ވެރިންނަށް ބައިނަލްއަގުވާމީ މުޖުތަމައުން އެއްބާރުލުން ދޭން ގޮވާލާފައިވާއިރު، އެ ގައުމުގެ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ ރަހްމަތްތެރިން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.
އޭގެ ގަޑިއިރެއްހާއިރު ފަހުން ޣަނީގެ ޓުވީޓާ އެކައުންޓުން އޭނާގެ ފޭސްބުކް ހެކްކޮށްފައިވާ ކަމަށް ބުނެ ޓުވީޓެއް ކޮށްފަ އެވެ. އަދި އެކަން ހައްލު ވަންދެން އިއްޔެއަށް ފަހު ،އެ އެކައުންޓުން އާއްމުކުރާ އެއްވެސް ޕޯސްޓަކީ ޣަނީގެ ފަރާތުން ކުރާ ޕޯސްޓެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިދިޔަ މަހު އަފްޣާނިސްތާނުގެ ސަރުކާރުގެ މައްޗަށް ތާލިބާނުން ވެރިވެގަތުމާއެކު، ޣަނީ ވަނީ އެ ގައުމު ދޫކޮށް ގޮސްފަ އެވެ. މިހާރު އޭނާ ހުރީ ޔޫއޭއީގެ ހިމާޔަތުގައި އެ ގައުމު ދަށުގަ އެވެ.
ޣަނީއަކީ 2014 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އަފްޣާނިސްތާނުގައި ވެރިކަން ކުރެއްވި ރައީސެވެ. -- އަލް އަރަބިއްޔާ