ފ. ނިލަންދޫގައި އެކި ކުލަ ކުލައަށް ފަތް ބަދަލުވެފައިވާ ގަހެއްގެ ހިތްގައިމު ފޮޓޯތަކެއް ފ. އަތޮޅު ކައުންސިލް އިދާރާއިން އާއްމުކޮށްފި އެވެ.

ފ. އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހެދިފައި ހުރި ގަހެއްގެ ފަތްތައް ތަފާތު އެކި ކުލަތަކަށް ބަދަލުވެފައިވާ ފޮޓޯ ދައުރުވެފައިވާއިރު، މި ފޮޓޯތަކުން ފެނިގެންދަނީ ތިން ކުލައެއްގެ ފަތްތަކެއް ގަހުގައި ހެދިފައި ހުރި މަންޒަރެވެ. އެ ގަހުގައި ގަދަ ފެހިކުލަ އާއި ރީނދޫ ކުލައިގެ ފަތުގެ އިތުރުން ޗޮކްލެޓް ފާޑެއްގެ ކުލަ ހުރި ފަތްތަކެއް ވެސް އެ ފޮޓޯތަކުން ފެނެ އެވެ.

މި ގަހަކީ ކުދި ނިކަ ގަހުގެ އާއިލާއަށް ނިސްބަތްވާ ގަހަކަށް ވާއިރު، މިފަދައިން ގަހުގެ ފަތްތަކުގެ ކުލަ ބަދަލުވާން ފެށިތަން މީގެ ކުރިން ފާހަގަވެފައިނުވާ ކަމަށް އެ ރަށުގެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ނަމަވެސް މިގޮތަށް ގަހަށް އައި ހިތްގައިމު ބަދަލު ފާހަގަވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.

https://www.facebook.com/FACouncil/posts/1901623943359023

ކައުންސިލްގެ ގޯތިތެރޭގައި ހެދިފައިވާ މިގަހަކީ ޒަމާންތަކެއްވީ ގަހަކަށްވާއިރު، މި ގަހަށް މި ބަދަލު އައީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ކަމަށް ލަފާކުރެވޭކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

މި ގަހުގެ ރިީތި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދާފައިވާއިރު، ގިނަ ބަޔަކު ސިފަކުރަނީ ރާއްޖެއަށް އޯޓަމް ސީޒަން އައުން ފަދަ ކަމެއް ގޮތުގަ އެވެ.