އޮންޓާރިއޯ (25 ސެޕްޓެމްބަރު) - ކެނެޑާގެ އޮންޓޯރިއޯގެ މައިންއެއް ކޮންނަމުން ދިޔަ 39 މައިނަރުން ބިމުއަޑީގައި ތާށިވެ އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

މިދިޔަ އާދީއްތަ ދުވަހު މި ހާދިސާ ހިނގަން މެދުވެރިވީ މައިނަރުން އުފުލުމަށް ތައްޔާރުކޮށްފައި ހުރި ލިފްޓު ކަނޑައިގެން ގޮސްގެންނެވެ. ތާށިވި 39 މައިނަރުންގެ ތެރެއިން ހަތަރު މީހަކު އަދިވެސް ވަނީ ސަލާމަތް ނުކުރެވި އެވެ.

މި ހާދިސާ ހިނގުމާއެކު މައިނަރުން ވަނީ ބިމުއަޑީގައި ހުރި ރެފިއުޖް ކޭމްޕަށް ގޮސްފަ އެވެ. މި ކޭމްޕަކީ ކާބޯތަކެތި ލިބޭ ގޮތަށް އަދި މުއާސަލާތު ކުރެވޭނެ ވަސީލަތްތަކާއެކު ތައްޔާރު ކޮށްފައިވާ ކޭމްޕެކެވެ.

މައިނަރު ސަލާމަތްކުރަން މަސައްކަތް ކުރާތާ ހަތަރު ދުވަސް ވެފައިވާއިރު އެކަން ކުރިއަށް ގެންދަނީ ހަރުގަނޑެއް ބޭނުން ކޮށްގެން ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ. ހަރުގަނޑުން މައްޗަށް ނޭރޭ މައިނަރުން ސަލާމަތް ކުރާނީ ވަލެއްގެ އެހީގަ އެވެ.

މައިނަރުން ތާށިވެފައި ވަނީ ބިމުގެ 1،850 ފޫޓަށް ވުރެ ވެސް އަޑީގައި ކަމަށް ވީއިރު، އެ މީހުންނަށް އޮކްސިޖަން ސަޕްލައި ހުސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އެއާއެކު ކާބޯތަކެތި ހުސްވެދާނެ ކަމުގެ ކަންބޮޑުވުން ވެސް އާއިލާތަކުން ވަނީ ފާޅުކޮށްފަ އެވެ

ޓޮޓެން ނަމަކަށް ކިޔާ މި މައިންއަކީ ލޯ އުފައްދާ މައިން އެކެވެ. މި މައިންގައި 200 އަށް ވުރެ ގިނަ މައިނަރުން އެތަނުގައި މަސައްކަތް ކުރެ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް