ބޭސްފަރުވާއަށް އިންޑިއާއަށް ދާން ވިސާ ލިބުން ދަތިވެގެން އެކަމުގެ ޝަކުވާތައް ކުރީގެ ބަންޑާރަ ނައިބު އަދި ސާކުގެ ސެކްރެޓަރީ ޖެނެރަލް ކަން ވެސް ކުރައްވާފައިވާ ދިޔާނާ ސައީދު ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލައިފި އެވެ.

ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމަނާ އިންޑިއާއަށް ވަޑައިގަތުމަށް ވިސާ ހޯއްދަވަން އޮންލައިންކޮށް ހުށައެޅުއްވުމަށް އެޕޮއިންޓްމެންޓަކަށް އެދިލައްވައިން ހުންނަވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.‏ އަދި އަންނަ އޮކްޓޯބަރު މަހުގެ 14 އިގެ ކުރިއަށް މިކަމަށް ހުޅުވާލުމެއް ވެސް ނެތް ކަމަށާއި 20 ދުވަހަށް ވުރެ ގިނަ ވީއިރު ވެސް މިކަމުގައި އެއްވެސް ކޮޅެއް އެއްވެސް މަގެއް ފެނިފައި ނުވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދިޔާނާ ވިދާޅުވީ އިންޑިއާ އަކީ ޒަމާނުއްސުރެ ބޭސްފަރުވާއަށް ދިވެހީން ދާ ގައުމެއް ކަމަށާއި، އެގޮތުން އެންމެ ގާތުގައި އޮތް އެންމެ އެކުވެރި ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ މަދަދުވެރިވާ ގައުމުކަމަށް ވީއިރު، މާދުރުގައިވާ އެހެން ބައްރުތަކުގައި ހުރި ގައުމުތަކަށް މާ ފަސޭހައިން ދެވޭއިރު، އިންޑިއާ އާއި މިވަރަށް ގުޅުން ހީނަރުވީ ކީއްވެގެންތޯ ވިދާޅުވެ ދިޔަނާ ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން ކަންކަން މިހިސާބަށް ދާއިރު ގައުމުގެ ފޮރިން މިނިސްޓަރު އެބަ ހުންނެވިތޯ ވެސް އެއްސެވި އެވެ. އަދި ފޮރިން މިނިސްޓަރު ހޯދަން މިނިސްޓްރީ ކުރިމައްޗަށް ދާންވީ ނޫންތޯ ނޫނީ މަގާމު ހުސްވެއްޖެ ކަމަށް ކަނޑައަޅަން ކޯޓަށް ދާންވީ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއީ މިހާތަނަށް ވިސާ ހޯދަން ދުވަހަކު ވެސް ދިވެހީން އުފުލާފައިވާ ތަކުލީފެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިޔާނާ ވިސާނުލިބިގެން ޝަކުވާތައް ބަންޑުން ކޮށްލާފައިވާއިރު ވަރަށް ގިނަ ބަޔަކު ދަނީ އިންޑިޔާއަށް ދާން ވިސާލިބުމުގެ ދަތިތަކާމެދު ޝަކުވާ ކުރަމުންނެވެ. އަދި އެޕޮއިންޓްމެންޓް ލިބެނީ އެތައް ދުވަހެއް ވާފަހުން ކަމަށާއި އިންޑިއާ ހައިކޮމިޝަންގެ ކުރިމަތީގައި އެތައް ގަޑިއިރަކު ކިއުގައި މަޑުކުރަން ޖެހޭކަމުގެ ޝަކުވާތައްވެސް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. ނަމަވެސް އިންޑިޔާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ވިސާގެ މައްސަލަ އެބުނާހާ ދަތި ނޫން ކަމަށެވެ.