ކޮލަމްބޯ (01 އޮކްޓޯބަރު) - ކޮވިޑް -19 ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި ފާއިތުވެދިޔަ ހަ ހަފްތާ ވަންދެން އިއުލާން ކޮށްފައި އޮތް ފުރަބަންދު އުވާލައިފި އެވެ.

ނަމަވެސް ރޭގަނޑު ޕާޓީތަކާއި އާއްމު އެއްވުންތައް ނުބޭއްވޭ ގޮތަށް ކާފިއު އަދިވެސް އޮންނާނެ އެވެ.

އޭޕްރީލް މަހު ފާހަގަ ކުރި ސިންހަޅަ އަދި ތަމަޅަ އާ އަހަރަަށް ފަހު އެގައުމުގެ ކޮވިޑް ކޭސްތައް އިތުރުވަމުން ގޮސް ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް 4،000ން މައްޗަށް އިތުރުވެ ބަލީގައި ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު 250 އަށް އަރާފައިވެ އެވެ.

ފުރަބަންދުގެ ފިޔަވަޅުތައް ލުއި ކުރި ނަމަވެސް ސިއްހީ އިދާރާ ތަކުން ވަނީ މުވައްޒަފުން އަދިވެސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސް ކޮށްފަ އެވެ.

ހެލްތު މިނިސްޓަރު ކެހެލިޔަ ރަމްބުކްވެއްލަ ވިދާޅުވީ މި ފިޔަވަޅަކީ ކޮވިޑުން އަރައިގަނެ އާއްމު ހާލަތަށް ދިއުމަށް ޓަކައި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުން ބައި މިލިއަނަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު އެ ބަލީގައި 13،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މި އެޅުނު ފިޔަވަޅުތަކަކީ އެގައުމުގައި ކުރިއަށްދާ ވެކްސިން ކެމްޕެއިން އާއެކު އާބާދީގެ 56 ޕަސެންޓަށް ވެކްސިން ދެވުމުން ސަރުކާރުން އެޅި ފިޔަވަޅުތަކެކެވެ.

ނައިޓް ކާފިއުގެ އިތުރުން އިތުރު އެހެން ފިޔަވަޅުތަކެއް ވެސް ކުރިއަށްދާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. އޭގެ ތެރޭގައި ދަތުރުފަތުރު ކުރުމާއި އެއްވެ އުޅުމުގައި ހުރި ހިފެހެއްޓުންތައް ހިމެނެ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް