އާސަންދައިގެ ދަށުން ބޭސް ދޫކުރުން ގއ. ކޮނޑޭ ބޭސް ފިހާރައިން ހުއްޓާލައިފި އެވެ.

ކޮނޑޭ އިން "ހުރިހާ" އަށް މައުލޫމާތު ދިން މީހަކު މިރޭ ބުނީ އާސަންދައިގެ ދަށުން ބޭސް ދޫކުރުން އެރަށު ބޭސް ފިހާރައިން ހުއްޓާލިތާ މިހާރު ތިން ދުވަސް ވެފައިވާ ކަމަށެވެ.

ކޮނޑޭގައި ހުންނަނީ އެސްޓީއޯ ބޭސް ފިހާރައެކެވެ. އެއީ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ރަށުގައި ތިބެގެން ހިލޭ ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެރަށުގައި ގާއިމް ކުރި ބޭސް ފިހާރައެކެވެ.

ކޮނޑޭ ބޭސް ފިހާރައިން ބޭސް ވިއްކުމަށްފަހު ދީފައިވާ ބިލެއް ވެސް "ހުރިހާ" އަށް ވަނީ ލިބިފަ އެވެ.

ކޮނޑޭ ބޭސް ފިހާރައިން ބޭސް ވިއްކި ކަމުގެ ހެކި

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ބޭސް ވިއްކަން ފެށީ އެސްޓީއޯ އިން އަންގައިގެން ކަމަށް ބޭސް ފިހާރައިގެ ކޭޝިއަރު އަލީ ރަޝްވާން ބުނި ކަމަށް ބޭސް ފިހާރައަށް ދިޔަ މީހަކު ބުންޏެވެ.

"ރަޝްވާންއާ އަޅުގަނޑު ސުވާލު ކުރިން ކީއްވެހޭ އާސަންދައިން ބޭސް ދިނުން ހުއްޓާލީ. ކީއްވެހޭ ފައިސާ ދީފަ ބޭސް ގަންނަން މިޖެހެނީ. ޖަވާބުގައި އޭނާ ބުނީ އާސަންދައިން ބޭސް ދިނުން ހުއްޓާލައި ބޭސް ވިއްކަން އެސްޓީއޯ އިން ވަނީ އަންގާފައި ކަމަށް. ތިމަންނާ އަމަލު ކުރަންޖެހޭނީ އެސްޓީއޯ އިން އަންގާ ގޮތަށް ނޫންހޭ،" ބޭސް ފިހާރައަށް ދިޔަ މީހަކު އަށް ކިޔައިދިނެވެ.

ކޮނޑޭ ބޭސް ފިހާރަ ހުޅުވިތާ މިހާރު މިވަނީ ފަސް އަހަރާއި 10 ދުވަސް ވެފަ އެވެ. މީގެކުރިން ބަރާބަރަށް އެތަނުން ބޭސް ލިބެ އެވެ. ނަމަވެސް ބޭނުންވާ ބޭސްތައް ނުލިބޭ މައްސަލަ ދިމާވާތާ މިހާރު ހަތަރު ވަރަކަށް މަސް ވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ ރަށުން ނުލިބޭ ބޭސްތައް ގެންނަން ޖެހެނީ އެއަތޮޅު ވިލިނގިލި ނޫނީ ގދ. ތިނަދޫން އެވެ. ފޭސްބުކުގައި ވެސް އެރަށު ބައެއް މީހުން ވަނީ މިކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

ކޮނޑޭ އިން ބޭސް ނުލިބޭ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް މީހަކު ލިޔެފައިވާ ފޭސްބުކު ޕޯސްޓެއް