ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޓީޗަރުންނަށް އެސްޓީއޯއިން މިއަދު ހަދިޔާ ބަހައިފި އެވެ.
އެސްޓީއޯއިން ބުނީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން މާލެ ސަރަހައްދުގެ 16 ސްކޫލެއްގައި މަސައްކަތްކުރާ ކޮންމެ ޓީޗަރަކަށް 250 ރުފިޔާގެ ވައުޗަރަކާއި މާބޮނޑިއެއް ހަދިޔާ ކޮށްފައިވާ ކަމަށެވެ. މިއަދު ޓީޗަރުންނަށް ހަދިޔާ ކުރި ވައުޗާއިން އެސްޓީއޯގެ ކޮންމެ ފިހާރައަކުން ވިޔަފާރި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގެ ޓީޗަރުންނަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހަދިޔާ ހަވާލުކޮށްދެއްވިއިރު، އެހެން ސްކޫލުތަކުގެ ޓީޗަރުންނަށް ހަދިޔާ ހަވާލުކޮށްދިނީ އެކުންފުނީގެ ސީނިއާ މުވައްޒަފުންނެވެ.
އެސްޓީއޯއިން ބުނީ މިއީ ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށެވެ. އަދި ހުރިހާ ޓީޗަރުންނަށް ވެސް ޓީޗަރުން ދުވަހުގެ ތަހުނިޔާ ކިޔާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއަދު ހުރިހާ ސްކޫލެއްގައި ވެސް ވަނީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގާފަ އެވެ.