ދިވެހިންނަށް އިންޑިއާއަށް ދިއުމަށް ވިސާ ހޯދުމުގައި ހުރި ދަތިތައް ހައްލުކުރައްވަން މަސައްކަތް ކުރައްވާނެކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވެ، ކުރައްވާފައިވާ ޓުވީޓުގައި ވަނީ އިންޑިއާއަށް ސިއްހީ ފަރުވާއަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން އެ ގައުމަށް ދެވޭނެ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިހުރި ނަމަވެސް ވިސާ ހޯދުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އިންޑިއާގެ ބޯޑަރުތައް ބަންދުކުރިފަހުން އެ ގައުމުން ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، ދިވެހިންނަށް އިންޑިއާ ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި މިކަމުގައި އަވަސް ހައްލެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު އިންޑިއާއަށް ބޭސްފަރުވާ ހޯދަން ސަލާންޖަހަން ޖެހޭކަމަށް ބުނެ ވަރަށް ގިނަ ރައްޔިތުންދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ވިސާ ހޯދަން އެތައް ދުވަހަކު ނަމްބަރު ނުޖެހިގެން މަޑުކުރަން ޖެހުމާއި ހާލު ބޮޑު ބަލިމީހުންނަށްވެސް އަވަހަށް ދެވޭނެ އިންތިޒާމުތަކެއް ނެތުމާއި މިފަދަ އެތައް ކަންކަމަކާ ގުޅޭގޮތުން ރައްޔިތުން ޝާކުވާ ކުރެއެވެ. ދިވެހިރާއްޖެއާއި އިންޑިޔާއާއި ދެމެދު މިހާރު ވަރަށް ގުޅުންބަދަހި ކަމަށް ދެޣައުމުންވެސް ބުނަމުންދާއިރު އަދި އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު އެކުވެރިޔާ ކަމަށްވާއިރު ވިސާ ނުލިބިގެން ކިއުތަކުގައި އާއްމުން އިންޑިއާ ހައިކޮމިޝަން ދޮރުމަތީ ކިއު ހަދާފައި ތިބޭތިބުމަކީ އާއްމު ކަމެކެވެ.

މިކަމާގުޅޭ ގޮތުން އިންޑިއާ ސަފީރު ވިދާޅުވެފައިވަނީ ވިސާ ހޯދުމުގައި އެބުނާހާ ދަތިތަކެއް ނެތް ކަމަށެވެ. މިމައްސަލައިގައި އިންޑިޔާއާއި މަޝްވަރާ ކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެފައިވާއިރު ޔޫއެންޖީއޭގެ އާޢްމު މަޖިލިސްގެ ރައީސްކަމަށް އެމަނިކުފާނު ގެނައުމަށް އިންޑިއާއިންވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ.