ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.

މިއަދު މަރުވެފައި ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާކުރަމުން އައި މީހަކާއި އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާކުރަމުން ދިޔަ މީހެކެވެ.

މިގޮތުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އޭނާ މަރުވީ ރޭގެ 9:20 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ އިތުރުން އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި މަރުވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ މަރުވީ ރޭ މެންދަމު 1:31 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު މަރުވި ކަމަށް ރިޕޯޓްކުރިއިރު، އެންމެ ފަހުން މި ބަލީގައި މީހަކު މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 80 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަދުގެ ދެމަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 237 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 219 ދިވެހީންނާއި 17 ބިދޭސީންނެވެ.