ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ބުދަ ދުވަހު ފުލުހުން ފެށި ކާމިޔާބު އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)، މެރިން ޕޮލިސް، ފޮރެންސިކް. ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އޮޕަރޭޝަނާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކޮމިޝަނަރު ހަމީދު ވަނީ އެ އޮޕަރޭޝަނާ ގުޅިގެން އިންޑިއާ ސަރުކާރަށާއި އެމްއެންޑީއެފްއަށް ވެސް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު ވެސް 100 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ހައްޔަރުކޮށްފައިވެ އެވެ. އަދި އެ ދުވަހު ފަޅު ރަށަކުން ފުލުހުން އަތުލައިގެންފައިވަނީ ހިރޮއިނެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާއިރު، 8 މީހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.