ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، ނިހާން ކޮމިޝަނަށް ހާޒިރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މަންފާ ލިބިވަޑައިގެންނެވި ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ ބޭފުޅުންގެ ތެރޭގައި ނިހާން ހިމެނެ އެވެ. އެގޮތުން އަގު ބޮޑެތި ގަޑިތައް ބައްލަވައިގަތުމާއި ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގަތީ ހިޔާނާތުގެ ފައިސާ އިން ކަމަށް އޭރު އަޑު ފެތުރުނެވެ.

ނިހާނަކީ އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ. އެކަމަކު، އެ ދުވަސް ވަރު އޭނާ ވަނީ އެ ކަން ދޮގު ކުރައްވައިފަ އެވެ.

އޭނާ ކުރިން ވިދާޅުވި ގޮތުގައި، އެ ހުރިހާ އެއްޗެއް ވެސް ބައްލަވައިގަތީ "ހަލާލް" ފައިސާ އިންނެވެ. އޭނާ އަށް އަގުބޮޑު ބައެއް ތަކެތި ލިބިވަޑައިގެންނެވި އިރު، އެއީ ބައެއް ބޭފުޅުން ދެއްވި ހަދިޔާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.