އެއަރ ޓްރެފިކް ކޮންޓްރޯލް ނުވަތަ އޭޓީސީގައި މަސައްކަތްކުރާ މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކާއެކު އެމްއޭސީއެލްއަށް ޕެޓިޝަނެއް ހުށައަޅައިފި

އެއަރ ޓްރެފިކް ކޮންޓްރޯލް ނުވަތަ އޭޓީސީގައި މަސައްކަތްކުރާ މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކާއެކު އެމްއޭސީއެލްއަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ. މި ޕެޓިޝަން ހުށައަޅާފައިވަނީ އޭޓީސީގައި މަސައްކަތްކުރާ 50 މުވައްޒަފުންގެ ސޮޔާއެކުގައެވެ.

އޭޓީސީ މުވައްޒަފުން އެމްއޭސީއެލްއަށް ހުށައެޅި ޕެޓިޝަނުގައި ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އެކިފަހަރު މަތިން ސަރުކާރުގެ އެކި ވުޒާރާތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. މިދިޔަ ތިން އަހަރު ތެރޭގައި ވެސް ރައީސް އޮފީހާއި ޓްރާންސްްޕޯޓް މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެމްއޭސީއެލް އާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެއިން އެއްވެސް ކަމަކަށް ހައްލު ނުލިބޭ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އޭޓީސީ މުވައްޒަފުންނަށް މުސާރައާއި މަގާމުގެ ކުރިއެރުން ދިނުމަށް އެކުލަވާލި ވަޒީފާގެ އޮނިގަނޑު ފާސްކޮށްދިނުމަށް އެދި 2019 ގައި ރައީސް އޮފީހަށް ހުށައަޅާފައި ވީ ނަމަވެސް، މިއަދާ ހަމައަށް އެ އޮނިގަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަންވެސް މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ. މުވައްޒަފުންނަށް ތަމްރީނު ދިނުމުގައި ހަރުދަނާ އުސޫލެއް އެކުލަވާލެވިފައި ނުވާތީ ގިނަ މުވައްޒަފުންނަށް ތަމްރީނު ނުލިބޭ ކަމަށާއި އޭޓީސީގެ ކެޕޭސިޓީ ބެލިފައި ނުވުމާއި އަދި އެ ކަމަށް އެދެވޭ ހައްލެެއް ލިބިފައި ނުވާކަމަށްވެސް ބުނެފައިވެ އެވެ.

ޖަސްޓް ކަލްޗާގެ ސަބަބުން ސޭފްޓީއާއި ގުޅުންހުރި ޝަކުވާތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރަން ޖެހިލުންވާ ކަމަށާއި މަތީ ތައުލީމް ހާސިލްކުރި އަދި އޭޓީސީގެ ތަޖުރިބާ ހުރި މުވައްޒަފުން ކުންފުނީގައި ބެހެއްޓޭނެ ހަރުދަނާ އުސޫލެއް ނެތުމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައިވެ އެވެ. ބަލި ހާލަތު ހުރިގޮތުން ކޮންޓްރޯލަރެއް ލައިސެންސް ދޫކޮށްލަން ޖެހިއްޖެ ނަމަ، ވަޒީފާގައި ހުރެވޭނެ އެހެން ގޮތެއް ނެތް ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިދާރާތަކުގައި އޭޓީސީ ކޮންޓްރޯލަރު ގިންތި ކުރެވިފައި ވަނީ ޕައިލަޓުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަންތަކާއި އެއް ލެވެލް އެއްގައި ކަމަށާއި ނަމަވެސް މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމުގައި އެއްހަމައަކުން އަމަލު ނުކުރާ ކަމަށްވެސް ބުނެފައިވެ އެވެ. ހަމައެއާއެކު ގާނޫނީ ގޮތުން އިހުތިޖާޖު ކުރި ކަމުގައިވީ ނަމަވެސް، މަސައްކަތް ހުއްޓާލުމުގެ ހައްގު ލިބިގެންނުވާ ގިންތީގައި އޭޓީސީގެ އޮފިސަރުން ހިމެނިފައިވާ ކަމަށާއި އެހެން މުވައްޒަފުން ވަޒީފާއިން ރިޓަޔާކުރުމުން އިނާޔަތް ލިބޭ އުސޫލުން އޭޓިސީގައި ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު ރިޓަޔާކުރާ މުވައްޒަފުންނަށް އިނާޔަތް ލިބޭނެ އުސޫލެއް ގާއިމް ކޮށްފައި ނުވާ ކަމަށްވެސް މުވައްޒަފުން ބުނެފައިވެ އެވެ.

އޭޓީސީ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދި، އެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި އޮއްވައި، މި އަހަރުގެ ސެޕްޓެމްބަރު މަހު އެއަރ ޓްރެފިކްގެ އާ އޮނިގަނޑެއް ފާސްކޮށް އޭޓީސީގެ ވެރިންނަށް މަގާމުގެ ކުރިއެރުން ދީފައިވާ ކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ. އަލަށް ފާސްކުރެވުނު އޮނިގަނޑުން މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެވިފައި ނުވާތީ، އެއާ ޓްރެފިކް ހިދުމަތުގެ މަސައްކަތް ހަރުދަނާ ކުރުމަށް، މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އޭޓީސީ މުވައްޒަފުންގެ ޕެޓިޝަނުގައި އެދިފައިވެ އެވެ. މިޕެޓިޝަން ހުށައަޅާފައިވަނީ މިކަންކަން ހައްލުކޮށްދިނުމަށް އެދި އެވެ.

ފަހަކަށްއައިސް އެއަރޕޯޓް ހިންގުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ހިނގަމުން ނުދާކަމަށާއި މުވައްޒަފުންގެ ހައްގުތައް ގެއްލެމުންދާކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ. އެމްއޭސީއެލް ހިންގުމަށް މިހާރު ހުންނަނީ ބޭރު ބޭފުޅެކެވެ. އަދި ކުންފުނީގެ އެންމެ މަތީ މަގާމުތަކުގައިވެސް ތިބެނީ ބޭރު މީހުންނެވެ. އެމީހުންގެ މުސާރަތަކަށް ބައި މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް ބައެއް ސިޔާސީ ބޭފުޅުން ހާމަކޮށްފައިވެ އެވެ.