ކުރީ ސަރުކާރުން 2015ވަނަ އަަހަރު ރާއްޖެއަށް ގެނެސްފައިހުރީ ބާވެ ހަލާކުވެފައި ހުރި ސީއެމްބިއުލާންސްތަކެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ އއ. އަތޮޅު ހޮސްޕިޓަލްގައި ސީ އެންބިއުލެންސްގެ ނަމުގައި ބޭނުންކުރާ ސީ އެންބިއުލާންސް ބާވެ އެކި މައްސަލަތައް ދިމާވާތީ އާ އެންބިއުލާންސެއް ލިބޭނެ ތާރީހެއް ސާފު ކުރުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

މާރިޔާ ވިދާޅުވެފައި ވަނީ ސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި 2015 ވަނަ އަހަރު އެމްއެންޑީއެފް އާއި ޙަވާލުކުރި އުޅަނދުތަކަކީ ގިނަދުވަސްވެ ޙާލަތު ދަށްވެފައިވާ އުޅަނދުތަކެއް ކަމަށެވެ. މުޅި ސީ އެމްބިއުލާންސް ފްލީޓަށް ބަލާއިރު މިހާރު ވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރުވުމާއި، ޙާލަތު ދަށްވުމުގެ ސަބަބުން ދޫކޮށްލަން ޖެހޭނެ ކަމަށް ލަފާކުރެވޭ އުޅަނދުތަކެއް ވެސް ހުރިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީ އެންބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރުމަށް އެމްއެންޑީއެފް އާއި 2015 ވަނަ އަހަރު ހަވާލުކުރި 27 އުޅަނދަކީ ކުރީގައި ހޮސްޕިޓަލްތަކުގައި ބޭނުންކުރަ އައި ލޯންޗްތަކެކެވެ. މިއުޅަނދުތަކަކީ އޭރު ވެސް ބޭނުންކުރާތާ އެވްރެޖްކޮށް 10 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އުޅަނދުތަކެއް ކަމަށާއި އަދި، މީގެތެރެއިން ބައެއް އުޅަނދުތަކަކީ ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ، އަދި ގިނަ ދުވަސްތަކެއް ވަންދެން މެއިންޓެނަންސް ކުރިއަށް ނުގެންދެވި ހުރި އުޅަނދުތަކެއް ކަމުން ގިނަ އުޅަނދުތަކުގެ ކޮންޑިޝަން އޭރު ވެސް ވަނީ އުޅަނދުގެ އަސްލު އުމުރާ ބަލާއިރު ވަރަށް ދަށް ހާލަތަކަށް ގޮސްފައިވާ އުޅަނދުތަކެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މާރިޔާ ވިދާޅުވީ ސީއެންބިއުލާންސްގެ ޚިދުމަތް ފޯރުކޮށް ދެނީ ވަރަށް ގިނަ ގޮންޖެހުންތަކާއި އެކު ކަމަށެވެ. މިހާރު ހުރި ގިނަ ސީ އެމްބިއުލާންސްތަކީ މަރާމާތައް ބޮޑު ހޭދައެއް ކުރަންޖެހޭ ސީ އެންބިއުލާންސްތަކަށް ވާއިރު، މިއީ ދެކޮޅު ޖައްސަން ވެސް ދަތި ޚަރަދުތަކެއް ކަމަށެވެ. މިހާރުގެ ހާލަތު ހުރި ގޮތުންނާއި، ބަޖެޓްގެ ދަތިކަން ހުރި ގޮތަށް ބަލާއިރު، އއ. އަތޮޅު ހޮސްޕިޓަލަށް ވަސީލަތްތައް ފުރިހަމަ އައު ސީ އެންބިއުލާންސް އެއް ލިބޭނީ، އާ ސީ އެމްބިއުލާންސް ހޯދުމަށް ބޭނުންވާ ފައިސާ އެމްއެންޑީއެފްއަށް ލިބުމުން ކަމަށެވެ. އަދި، މިއަހަރު އެމްއެންޑީއެފްއަށް އިންޑަކްޓް ކުރެވުނު ހަ ސީ އެމްބިއުލާންސް ލިބުނުގޮތަށް ބަލާއިރު، ފައިސާ ހަމަޖެހޭތާ ހަ މަސް ދުވަހުގެ ތެރޭގައި އއ. ރަސްދޫގައި އާ ސީ އެމްބިއުލާންސެއް ސްޓޭޝަން ކުރެވިދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.