މި ދުވަސްވަރަކީ ދޫނިތައް ހިޖުރަކުރާ މޫސުމަށް ވުމާއި ގުޅިގެން ރާއްޖެ އަށް ހިޖުރަކުރި ފްލެމިންގޯތަކެއް ބަޔަކު ހިފައި އެ ވިއްކަން ޖަހައިފި އެވެ.

މި ފްލެމިންގޯތައް އެންމެ ފުރަތަމަ ހއ. ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިން ފެނިފައިވާއިރު، އެ ފްލެމިންގޯތައް ހިފާފައި ވަނީ ދޫނިތައް ހިފައި ގޯނާކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން އިންޒާރު ދީފައިވަނިކޮށެވެ.

މި ދޫނިތަކުގެ ފޮޓޯ ސޯޝަލްމީޑިއާގައި ދައުރުވާން ފަށާފައިވާއިރު، އެ ފްލެމިންގޯ އައިނުގައި 14 ދޫނި ތިބި ކަމަށް ހަބަރު ލިބެ އެވެ. ފްލެމިންގޯތައް ހިފައި ބަޔަކު އެ ވިއްކަން ފަށާފައިވާއިރު، އެ ފްލެމިންގޯތައް ވިއްކުމަށް، ޖަހާފައި އޮތީ "ކުޅުދުއްފުށި ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫޕެއްގަ އެވެ.

އެ ދޫނިތައް ހިފާފައި ވަނީ ދާޖަހައިގެން ކަމަށް ބައެއް މީޑިއާތަކަށް އެ ރަށުގެ މީހުން ކިޔައިދީފައިވެ އެވެ. އަދި ދޫނިތައް ހިފަން ފެށުމާ އެކު އެކީގައި އުޅުނު ދޫނިތައް ބައިބައިވި ކަމަށާއި، ދޫނިތައް އެކި ދިމަ ދިމާއަށް އުދުއްސައިގަތް ކަމަށްވެ އެވެ.

މި މައްސަލައާ ގުޅޭގޮތުން އީޕީއޭއިން ބުނީ ރާއްޖެއަށް އައި ފްލެމިންގޯތަކެއް ބަޔަކު ހިފައި އެ ވިއްކަން ޖެހި މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުން އަންނަ އެވެ.

ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފުމާއި އެއަށް ގޯނާކުރާ މީހުންނަށް، މަނާކޮށްފައިވާއިރު، މިކަން ކޮށްފި ބަޔަކަށް، ގުދުރަތީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާކުރެވެ އެވެ.