އއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫ ދަނޑުވެރިންނާއި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާ މިއަދު ހެނދުނު ބައްދަލުކުރައްވައި، އެބޭފުޅުން ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތަކާއި ލޯކަލް ޓޫރިޒަމް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް އަޑުއައްސަވައި، އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ތޮއްޑޫ އެގްރި ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިން ވަނީ ލޯކަލް ޓޫރިޒަމަށް ކޮންމެ ފަތުރުވެރިޔަކު ދައްކަންޖެހޭ ގްރީން ޓެކްސް ފައިސާ އެރަށަށް ނުލިބޭތީ ހުރި ކަންބޮޑުވުންތަކާއިި، ދަނޑުވެރިކަމަށް ބޭނުންވާ މުޑުވައްތަކާ ކާނާ އަދި ގަސްތަކަށް ޖަހާ ބޭސް ފަދަ ތަކެތި އަތްފޯރާ އަގެއްގައި ލިބެން ނެތުމުން ދިމާވާ ދަތިތައް ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ގެސްޓްހައުސް ވިޔަފާރިތައް ހިންގަވާ ބޭފުޅުންވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަރަންޓްދިނުމުގައި ޗާޖްކުރާ އަގު ތަފާތުވުމުގެ ސަބަބުން ހުރި ދަތިކަން ފާހަގަކުރައްވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫއަކީ ދަނޑުވެރި ރަށެއްކަމަށާއި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ދަނެގެން ސަރުކާރުން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ރަށުގެ ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް ކުރަމުންދާ ކަމަށާއި، ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި މި މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވާ ސަރުކާރުން ކުރިން ވެސް ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ބައެއްތަކެތީގެ ޑިއުޓީކަނޑާލި ނަމަވެސް އޭގެ މާ ބޮޑު ފައިދާއެއް ސީދާ ދަނޑުވެރިންނަށް ނުކުރާކަން ފާހަގަވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެގްރޯނެޓް ނުވަތަ އެސްޓީއޯއިން މިތަކެތި ޑިއުޓީއަކާ ނުލައި އެތެރެކޮށްގެން ހެޔޮއަގުގައި ސީދާ ދަނޑުވެރިންނަށް ލިބޭނެ ގޮތް ފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ވެސް ރައީސް ވަނީ މިހާރު ދަނޑުބިންތައް ދޫކުރާ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައް ކައުންސިލްތަކާ ގުޅިގެން ސަރިކާރުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ގެސްޓްހައުސްތަކުގެ ވެރިންގެ ކަންބޮޑުވުންތަކަށް ޖަބާވުދެއްވަމުން ރައީސް ވަނީ ގްރީން ޓެކްސް މިހާރު ޚަރަދު ކުރަނީ ތިމާވެށީގެ ކަންކަމަށާއި، ފެނާނަރުދަމާގެ މަސައްކަތަށްކަން ފާހަގަކުރައްވައި، ނަމަވެސް އެމަނިކުފާނު ވެސް ގަބޫލުފުޅުކުރައްވާ ގޮތުގައި ގްރީން ޓެކްސްގެ ބޮޑު އިންސައްތައެއް ޚަރަދުކުރަން ޖެހޭނީ އެ ރަށަކަށްކަން ފާހަގަކުރައްވައި އެގޮތަށް ވިސްނުން ބަހައްޓަވައިގެން އެކަން ކުރިޔަށް ގެންދަވާނެކަން ފާހަގަ ކުރައްވާފަ އެވެ.

މި ބައްދަލުވުމުގެ ކުރިން ރައީސް ވަނީ އެސްޓީއޯގެ ފަރާތުން ތޮއްޑޫގައި ހިންގާ އެގްރި ސެންޓަރުގައި ހުރި ތޮއްޑޫގެ ދަނޑުވެރިން އުފައްދާފައިވާ ކާނާގެ ބާވަތްތައްް ބައްލަވާލައްވާފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ 266 ދަނޑުވެރިއެއް މިހާރު ވެސް ވަނީ އެގްރޯނެޓްގައި ރެޖިސްޓާކޮށްފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ތޮއްޑޫގައި މިހާރު ސަރުކާރުން ތަރައްގީ ކުރަމުންދާ ބަނދަރުގެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް ރައީސް ބައްލަވާލައްވާފަ އެވެ.