މިއަހަރުގެ ބައިނަލް އަގްވާމީ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ އޭޓީސީ މުވައްޒަފުން ކަޅު ހެދުމުގައި ވަޒީފާއަށް ނުކުމެއްޖެ އެވެ.

އޮކްޓޯބަރު 20 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ކަމަށް ވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާމިގިލީ އެއާޕޯޓުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ވަޒީފާއަށް އިއްޔެ ނުކުތީ ކަޅު ހެދުމުގަ އެވެ.

އޭޓީސީގެ މުވައްޒަފުން ކަޅު ހެދުމުގައި - ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް

އޭވިއޭޓާސް އެމްވީ އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކަޅު ހެދުމުގައި ވަޒީފާއަށް ނުކުތީ އެފަރާތްތަކުގެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ކަމަށެވެ.

އޭޓީސީގެ މުވައްފުންވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަނެއް އެމްއޭސީއެލްއަށް ފޮނުވާފައެވެ.މި ޕެޓިޝަން ހުށައަޅާފައިވަނީ އޭޓީސީގައި މަސައްކަތްކުރާ 50 މުވައްޒަފުންގެ ސޮޔާއެކު އެވެ.

އޭޓީސީ މުވައްޒަފުން އެމްއޭސީއެލްއަށް ހުށައެޅި ޕެޓިޝަނުގައި ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އެކިފަހަރު މަތިން ސަރުކާރުގެ އެކި ވުޒާރާތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. މިދިޔަ ތިން އަހަރު ތެރޭގައި ވެސް ރައީސް އޮފީހާއި ޓްރާންސްްޕޯޓް މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެމްއޭސީއެލް އާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ.

އޭޓީސީގެ މުވައްޒަފުން ކަޅު ހެދުމުގައި - ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް

އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެއިން އެއްވެސް ކަމަކަށް ހައްލު ނުލިބޭ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އޭޓީސީ މުވައްޒަފުންނަށް މުސާރައާއި މަގާމުގެ ކުރިއެރުން ދިނުމަށް އެކުލަވާލި ވަޒީފާގެ އޮނިގަނޑު ފާސްކޮށްދިނުމަށް އެދި 2019 ގައި ރައީސް އޮފީހަށް ހުށައަޅާފައި ވީ ނަމަވެސް، މިއަދާ ހަމައަށް އެ އޮނިގަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަންވެސް މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ. މުވައްޒަފުންނަށް ތަމްރީނު ދިނުމުގައި ހަރުދަނާ އުސޫލެއް އެކުލަވާލެވިފައި ނުވާތީ ގިނަ މުވައްޒަފުންނަށް ތަމްރީނު ނުލިބޭ ކަމަށާއި އޭޓީސީގެ ކެޕޭސިޓީ ބެލިފައި ނުވުމާއި އަދި އެ ކަމަށް އެދެވޭ ހައްލެެއް ލިބިފައި ނުވާކަމަށްވެސް ބުނެފައިވެ އެވެ.

އޭޓީސީގެ މުވައްޒަފުން ކަޅު ހެދުމުގައި - ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް

އޭޓީސީ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކުގައި އެދި، އެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި އޮއްވައި، މި އަހަރުގެ ސެޕްޓެމްބަރު މަހު އެއަރ ޓްރެފިކްގެ އާ އޮނިގަނޑެއް ފާސްކޮށް އޭޓީސީގެ ވެރިންނަށް މަގާމުގެ ކުރިއެރުން ދީފައިވާ ކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ. އަލަށް ފާސްކުރެވުނު އޮނިގަނޑުން މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެވިފައި ނުވާތީ، އެއާ ޓްރެފިކް ހިދުމަތުގެ މަސައްކަތް ހަރުދަނާ ކުރުމަށް، މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އޭޓީސީ މުވައްޒަފުންގެ ޕެޓިޝަނުގައި އެދިފައިވެ އެވެ. މިޕެޓިޝަން ހުށައަޅާފައިވަނީ މިކަންކަން ހައްލުކޮށްދިނުމަށް އެދި އެވެ.

މުސާރައާއި އިނާޔަތްތަކުގެ މައްސަލައިގައި ދާދިފަހުން ސިވިލް ސަރވިސްގެ މުވައްޒަފުންވެސް ވަނީ ކަޅު ހެދުމުގައި އިހްތިޖާޖު ކޮށްފަ އެވެ.