އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި 8 މަޝްރޫއެއް ހިންގުމަށް ހަމަޖައްސައިފި

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި 8 މަޝްރޫއެއް ހިންގުމަށް ހަމަޖައްސައިފި އެވެ. ހާރިޖީ ވުޒާރާއިން ބުނީ މިއީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އެކި އިދާރާތައް މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވަނީ 36.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ 8 މަޝްރޫޢުގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ.

އެ މަޝްރޫއުތަކަކީ

  • ތ.ތިމަރަފުށީ އަދި ތ.ވޭމަންޑޫގެ މަގުތަކުގައި ބޮކި ހަރުކުރުން
  • ލ.މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމްކުރުން
  • އދ.ދަނގެތީގައި ކަލްޗަރަލް ސެންޓާއެއް އެޅުން
  • ނ.މިލަންދޫ ކައުންސިލް ބިލްޑިންގް އެޅުން
  • ގދ.ތިނަދޫ އަބޫބަކުރު ސްކޫލް، ލ.ގަން އިހައްދޫ ސްކޫލް، ހއ.ދިއްދޫ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކްލާސްރޫމްތައް އިތުރަށް ތަރައްގީ ކުރުން
  • އެމްއެންޑީއެފްއަށް ސީއެމްބިއުލާންސް ހޯދާދިނުން
  • މާލޭގެ އޮލިމްޕަސް ތިއޭޓަރ ތަރައްގީ ކުރުން

މަޝްރޫއުތަކަކީ ދިރިއުޅުމާއި، ވަޒީފާގެ ފުރުސަތު އަދި ސިއްހީ ދާއިރާތައުލީމީ ،ޖެންޑާ އެންޑް ޗައިލްޑް އެމްޕަވަމެންޓް، ކުޅިވަރު އަދި ދެމެހެއްޓެނިވި ތަރައްގީގެ ތެރޭގައި ހިމެނޭ މަޝްރޫއު ތަކެކެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖެއަށް އެކިދާއިރާތަކުން އެހީތެރިވުމަކީ އިންޑިއާއިން އަބަދުވެސް އިސްކަން ދޭކަމެއްކަމުގަ އެވެ. އެގޮތުން ރާއްޖޭގެ ތަރައްގީއަށް ވެދެވެން އޮތް އެހީތެރިކަމެއް އަބަދުވެސް ވެދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.