ދިވެއްސަކަށް ވެހުރެ ރާއްޖޭގެ ތާރީހާއި ސަގާފަތް އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ދިވެހި ތާރީޚުގައި ހިނގާފައި ހުރި ހާދިސާތައް ދަންނަނީ ކިިހާ ވަރަކަށް ހެއްޔެވެ؟ ހަގީގަތަކީ ދިވެހި ތާރީހުން އަހަރުމެންނަށް އެނގެނީ މަދު މިންވަރެއް ކަމެވެ. ހާއްސަކޮށް މިއަދުގެ ޒުވާން ޖީލަށް މާޒީގެ އެ ވާހަކަތައް ބީރައްޓެހިވުމަކީ ދިވެހި ތާރީހަށް ލިބޭ ދެރައަކަށް ނޫނީ ނުވާނެ އެވެ.

އަހުމަދު އަލީމް ޝަކޫރު 36، މަސައްކަތް ކުރަނީ ދިވެހިންގެ މުއްސަނދި ތާރީހާ ދުރަށް ގޮސްފައިވާ ދިވެހި ޒުވާނުންނާއި ޅަ ދަރިންނަށް އެ މާޒީ ކިޔައިދެވޭތޯ އެވެ.

"ދަ ޓައިޑްސް އޮފް ކާއޯސް – ޕްރީލޫޑް ޓު ޑާކްނަސް" އަކީ އެގޮތުން އޭނާގެ އެންމެ ބޮޑު ޕްރޮޖެކްޓެވެ. ތިން ސިލްސިލާއަކަށް ބަހާލައިގެން އިނގިރޭސި ބަހުން އަލީމް ގެނެސްދޭ މި ވާހަކައަކީ ދިވެހި ރާއްޖޭގެ ތާރީހުގެ އެންމެ އަލިގަދަ ސަފްހާތައް ކަމަށްވާ ބޮޑުތަކުރުފާނާއި ޕޯޗުގީޒުންގެ ވާހަކަ އަސްލަކަށް ބަލައިގެން އޭނާ ގެނެސްދޭ ވާހަކަ އެކެވެ.

"ދަ ޓައިޑްސް އޮފް ކާއޯސް"ގެ ބައެއް އުސްއަލިތައް އެކަމަށް ހާއްސަކޮށްގެން އަލީމް ހަދާފައިވާ އިންސްޓަގްރާމް ޕޭޖު ކަމަށްވާ އަލްސް-ސްލައިސް އޮފް އާޓްސްއިން ފެންނަ އިރު އެއިން ފެންނަ ކޮންމެ ކުރެހުމެއް ވެސް ދައްކައިދެނީ ދިވެހި ތާރީހާ ގުޅިފައިވާ ކޮންމެވެސް ހާދިސާ އެކެވެ. އެ ކުރެހުންތަކާއެކު އިނގިރޭސި ބަހުން އޭގެ ތަފްސީލު ހުށައަޅައިދޭއިރު ކޮންމެ ކުރެހުމަކީ ވެސް ލޮލުގައި އަޅައިގަންނަ މޮޅު ކުރެހުމެކެވެ.

https://www.instagram.com/p/CU5boZXBbaY/?utm_medium=copy_link

"ހުރިހާ"އަށް ދިން އިންޓަވިއުއެއްގައި އަލީމް ބުނީ އާއިލާއާއެކު ރާއްޖެއިން ބޭރުގައި ޅަފަތުގެ ދުވަސްތައް ހޭދަކުރި އިރުވެސް އޭނާއަކީ ކުރެހުމަށް ޝައުގުވެރިކަން ހުރި މީހެއް ކަމަށެވެ. އެއާއެކު ފޮތް ކިޔުމަކީ ހުސް ވަގުތުގައި އޭރު ވެސް އޭނާ އެންމެ ކުރާ ހިތުން ކުރި ކަމެވެ. ކުރެހުމާއި ލިޔުންތެރިކަމުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ މި ދެކަމުން ނަމަވެސް އެދެ ހުނަރަކީ އޭނާއަށް އޭނާގެ ދެ ކާފަގެ ފަރާތުން ލިބުނު ހުނަރެއް ކަމަށް އަލީމް ގަބޫލުކުރެ އެވެ.

"އެއް ކާފައަކީ އާސްތާނާ އަބްދުއްޝުކޫރު އަލީ. އަނެއް ކާފައަކީ ދަވާދުލާ ކުޑަ މޫސާފުޅު. އަޅުގަނޑުގެ މަސައްކަތް ހާއްސަކޮށްލަން ބޭނުންވަނީ މިދެ ބޭފުޅުންނަށް،" އަލީމް ބުންޏެވެ.

އާސްތާނާ ޝަކޫރަކީ މަޝްހޫރު ލިޔުންތެރިއަކަށް ވީއިރު ދަވާދުލާ ކުޑަ މޫސާފުޅަކީ ކުރެހުމުގެ ފަންނުގައި ފުންނާބު އުސް ފަރާތެކެވެ.

https://www.instagram.com/p/CTHjdPChA1I/?utm_medium=copy_link

ދިވެހި ތާރީހާ ބެހޭ ގޮތުން އަމިއްލައަށް ވާހަކައެއް ލިޔުމަށް އަލީމްގެ ހިތް ލެނބުނީ ބޭރު ގައުމުތަކުގެ ތާރީޚުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސީރީޒްތަކެއް ފެނި އެފަދައިން ދިވެހި ތާރީހު ރަމްޒު ކޮށްދިނުމުގެ ޝައުގު ހިތުގައި އުފެދުމުންނެވެ. އެހެން ކަމުން މަންމަގެ ހިޔާލާއެކު އޭނާގެ ހިޔާލުގައި ހުރި ދިވެހި ތާރީހުގެ ތަސައްވަރު ކުރެހުންތަކާއި ލިޔުންތަކުގެ ސިފައިގައި ހުށައަޅައިދޭން ފެށި އެވެ. ދުވަސްވަރަކީ 2020 ވަނަ އަހަރުގެ ފުރަބަންދުގެ ދުވަސްވަރު ކަމުން ފަނޑުވެ ގެއްލިފައިވާ ކުރެހުމާއި ލިޔުންތެރިކަމުގެ ހުނަރު އަލުން ދައްކާލުމުގެ ތަނަވަސް ފުރުސަތެއް ލިބިގެން ދިޔަ އެވެ.

"ވާހަކައެއް ލިޔަން ޚިޔާލު ދިނީ މަންމަ. އެ ހިޔާލަށް ބިނާކޮށް ކުރެހުންތައް ކުރަހައި ލިޔަން ފެށީ،" އަލީމް ބުންޏެވެ.

ބޮޑުތަކުރުފާނުގެ ވާހަކައަކީ ދިވެހި ތާރީހުގެ އެންމެ މުއްސަނދި އެއްބާބެވެ. އެހެން ކަމުން ދެން ފެށުނީ އެވާހަކަ އެންމެ ފުރިހަމަކޮށް ހުށައަޅައިދިނުމަށް އަލީމް ކުރާ ދިގު ދިރާސާ އެވެ. އެގޮތުން އިންޓަނެޓާއި ދިވެހި ތާރީހު ދިރާސާކުރާ ފަރާތްތަކުގެ އިތުރުން ދިވެހި ތާރީހާ ބެހޭ ގޮތުން ލިޔެ ޝާއިއު ކޮށްފައިވާ ފޮތްތައް ވީ އަލީމްގެ މަސައްކަތުގައި އޭނާގެ އެދުރުންނަށެވެ.

އަހުމަދު އަލީމް ޝަކޫރު

މީގެ ތެރެއިން ވެސް ބޮޑުތަކުރުފާނުގެ ހަޔާތުގެ މައްޗަށް ފޮތެއް ލިޔެ ނެރެފައިވާ ބޭރުގެ ލިޔުންތެރިއެއް ކަމަށްވާ ރޮއިސްޓަން އެލިސްގެ ނަން އޭނާ ފާހަގަކުރި އެވެ. އެލިސްގެ "ދަ ހީރޯ އިން ޓައިމް"އަކީ ބޮޑުތަކުރުފާނާ ބެހޭ ގޮތުން އިނގިރޭސި ބަހުން އެންމެ ފުރަތަމަ ލިޔެ ނެރެވުނު ފޮތެވެ. އަލީމް ބުނި ގޮތުގައި އޭނާގެ މަސައްކަތުގައި އެލިސްގެ ހިޔާލާއި މަޝްވަރާ ވަރަށް ފުޅާ ދާއިރާއެއްގައި ލިބެ އެވެ.

ބޮޑުތަކުރުފާނާއި ޕޯޗުގީޒުންގެ ކުރިމަތިލުމަށް ބިނާކޮށް އަލީމް ލިޔެ ތައްޔާރުކުރަމުން އަންނަ މި ސިލްސިލާ ވާހަކައިގައި ދިވެހި ތާރީޚުގެ ގިނަ ހާދިސާތަކެއް ވަރަށް ތަފްސީލުކޮށް ގެނެސްދެވިފައިވާނެ ކަމަށް އަލީމް ބުންޏެވެ. އެގޮތުން ޕޯޗުގީޒުންގެ ވެރިޔާ އަނދިރި އަނދިރިންގެ މާާޒީއާއި ދިވެހި ރާއްޖެއަށް ޕޯޗުގީޒުން ގަދަވެގަތް ގޮތް އެ ވާހަކައިން ފެނިގެން ދާނެ އެވެ. ހަމައެއާއެކު ދިވެހިންގެ ގައުމީ ބަތަލު ބޮޑު ތަކުރުފާނުންގެ އާއިލީ ދިރިއުޅުއްވުމާއި ޕޯޗުގީޒުންނާ ކުރިމަތިލެއްވުމަށް ކުރެއްވެވި މަސައްކަތްތައް ވެސް މި ސިލްސިލާގައި އަލި އަޅުވާލެވޭނެ އެވެ.

https://www.instagram.com/p/CPz31kahUcm/?utm_medium=copy_link

"ތިންބަޔަކަށް ބަހާލެވިފައިވާއިރު އެންމެ ފުރަތަމަ ބައިގައި އަލިއަޅުވާލެވިފައި ވާނީ އަނދިރި އަނދިރީންގެ ހަޔާތުގެ މައްޗަށް،" އަލީމް ބުންޏެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންގައި ފުލްޓައިމް ވަޒީފާއެއް އަދާ ކުރަމުން އަންނަ އަލީމް ބުނި ގޮތުގައި ބުރަ ވަޒީފާއެއްގައި އުޅެމުން މިފަދަ ބޮޑު މަސައްކަތެއް ކުރުމަށް ހިތްވަރާއި އަޒުމް ބޭނުންވެ އެވެ. މޯލްޑިވިއަންގެ އިތުރުން ވެސް ޕާޓް ޓައިމް އެހެން ވަޒީފާއެއް އަދާ ކުރަމުން އަންނަ އަލީމް އޭނާގެ ވަގުތު ބަހާލަނީ ހުރިހާ ކަމަކަށް އެއްވަރަކަށެވެ. ވަޒީފާއަށް ބުރޫ ނާރާ ގޮތަށް އޭނާގެ އަމިިއްލަ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ ގޮތަކަށެވެ.

އަލީމް ބުނި ގޮތުގައި ދިވެހިންގެ ތާރީހަކީ މުއްސަނދި ތާރީހެކެވެ. އެ ތާރީހް ފަހުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ރައްކާކުރުމަކީ މިއަދު އަހަރުމެން ކުރަން ޖެހިފައިވާ ކަމެކެވެ. އޭނާ ދެކޭ ގޮތުގައި އެހެން ގައުމުތަކުގެ ތާރީހު ފޮތްތަކާއި ފިލުމުތަކުގެ ޒަރިއްޔާއިން ފަހުގެ ޖީލުތަކަށް ރައްކާ ކުރެވޭ ފަދައިން އަހަރެމެންގެ ތާރީހު ވެސް ރައްކާ ނުކުރެވޭންވީ ސަބަބެއް ނެތެވެ. ދިވެހިންގެ ކިބައިގައި މިއަދު އެ ހުނަރާއި ގާބިލިއްޔަތުކަން އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"އެހެން ގައުމުތަކުގަ އެބަހުރޭ އެ މީހުންގެ ތާރީހު ވަރަށް ފުޅާކޮށް ލިޔެ ރައްކާ ކުރެވިފައި. އެކަމަކު އަހަރުމެންނަށް އެގޮތަށް ލިބެންހުރީ ވަރަށް މަދު މަސްދަރެއް،" އަލީމް ބުންޏެވެ.

ވާހަކައިގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އަލީމްއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކި މަސްދަރުތަކުން ލިބޭ މައުލޫމާތު ދިމާ ނުވުމެވެ. ހަގީގަތާ އެއްގޮތަށް ވާހަކަ ގެނެސްދޭން މަސައްކަތް ކުރާއިރު ފުށޫ އަރާ ގިނަ ކަންކަން ހުރުމަކީ އިތުރު ދިރާސާ ކުރަން ޖެހި މަސައްކަތް ލަސްވާ ކަމެއް ކަމުގައި އޭނާ ފާހަގަ ކުރި އެވެ. ހަމައެއާއެކު އެދުވަސްވަރުގެ ހާދިސާތައް އެންމެ އަސްލާ އެއްގޮތަށް ކުރެހުންތަކެއްގެ ގޮތުގައި ސިފަ ކޮށްދިނުމަށް ވެސް އުނދަގޫތަކާ ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.

https://www.instagram.com/p/COSw7mWBeF9/?utm_medium=copy_link

"މަސްދަރުތަކުން ލިބޭ މައުލޫމާތުތަކުގައި ދިމާނުވާ ބައިވަރު ކަންކަން ހުރޭ. އެކަންކަމުގެ އަސްލު ހޯދަން އިތުރު ދިރާސާތައް ކުރަން ޖެހެނީ،" އަލީމް ބުންޏެވެ.

"ދަ ޓައިޑްސް އޮފް ކާއޯސް"ގެ ފުރަތަމަ ބައި އަންނަ ޑިސެމްބަރު މަހު ނެރެން އަލީމް މަސައްކަތް ކުރާއިރު އޭނާގެ ބޮޑު މަންޒަރު ހުރީ ތިން ސިލްސިލާއަށްފަހު މި ޕްރޮޖެކްޓް ނިންމާލާކަށް ނޫނެވެ. ލައިވް އެޑެޕްޓޭޝަން އެއްގެ ގޮތުގައި އޭނާގެ ފޮތް ނެރެ ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ތާރީހް ހުށައަޅައި ދިނުމަކީ މިކަމުގައި އަލީމްގެ ތަސައްވުރެވެ. ސަބަބަކީ ދިވެހި ތާރީހަކީ ބޭރުގެ ފަރާތްތަކުން ވެސް ޝައުގުވެރިވާ ފަދަ ތާރީހަކަށް ވުން ކަމުގައި އޭނާ ފާހަގަ ކުރި އެވެ.

"ބޭނުންވަނީ މިފޮތުގެ މައްޗަށް ލައިވް ފިލްމެއް ނުވަތަ ސީރީޒްއެއް ހެދުން. މިގޮތަށް ދިވެހި ތާރީހު ޝައުގުވެރި ގޮތެއްގައި މިއަދުގެ ޖީލަށް ފޯރުކޮށްދެވޭނެ" އަލީމް ބުންޏެވެ.

އަލީމްގެ މަސައްކަތުގައި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެންމެ ގާތް އެކުވެރިންނާއި އާއިލާގެ ފަރާތުން އޭނާއަށް ލިބޭ އެހީތެރި ކަމެވެ. އެގޮތުން އޭނާގެ ދިރާސާގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ (އާތިފުބެ) އިބްރާހީމް އާތިފް ޝަކޫރުގެ ނަން އޭނާ ފާހަގަކުރި އެވެ. އޭގެ އިތުރުން އިސްމާއީލް އަބްދުﷲ (ވަޑި އިސްމާއީލް)ގެ ފަރާތުން އިހު ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ ފޮޓޯތައް ލިބުމަކީ އޭނާގެ ކުރެހުންތައް އިތުރަށް ފުރިހަމަ ކޮށްދޭ ކަމެކެވެ. އެއާއެކު ހުސައިން ސިރާޖާއި އިބްރާހީމް ހަމަދުގެ ނަމަކީ ވެސް އަލީމްގެ ޝުކުރުގެ ލިސްޓުގައި ފާހަގަ ކޮށްލި ނަންތަކެވެ.

https://www.instagram.com/p/CU2CSKyhpZc/?utm_medium=copy_link

މީގެ އިތުރުން ވެސް މައިންބަފައިންނާއި ރަހްމަތްތެރިންގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރީ ޝުކުރުވެރި ކަމާއެކު އެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެ އެއްބާރުލުން އެގޮތުގައި ލިބޭނެކަން އޭނާ ޔަގީންކުރެ އެވެ.

"އެންމެ ގާތް ރަހްމަތްތެރިންނާއި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުވެރި ވަން. އެއީ މިކަމުގައި ލިބޭ އެންމެ ބޮޑު ހިތްވަރު،" އަލީމް ބުންޏެވެ.

އަލީމްގެ އުއްމީދަކީ ދިވެހި ތާރީހާ ދުރަށް ދީލާލައިވާ މިއަދުގެ ޒުވާން ޖީލު ޝައުގުވެރިވާނެ ފަދަ ގޮތަކަށް އެ ތާރީހު ހުށައަަޅައި ދިނުމެވެ. އަންނަން އޮތް ޖީލުތަކަށް ދިވެހިންގެ މުއްސަނދި ތާރީހު ރައްކާކޮށް ފޯރުކޮށް ދިނުމެވެ. އޭނާގެ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރެއްގައި ފާހަގަވެ ފަނޑުވަމުންދާ ދިވެހިރާއްޖޭގެ ތާރީހަކީ ދިވެހިން ފަހުރު ކަމުގައި އަލުން ހަދައި ދިނުމެވެ.

ހުރިހާއިން އެދެނީ އަލީމްއަށް އިތުރު ކުރިއެރުމަށެވެ. ދިވެހި ތާރީހަށް ބައިނަލްއަގުވާމީ ޝަރަފު ހޯދައިދިނުމަށް އޭނާ ކުރާ މަސައްކަތުގައި އިތުރު ކާމިޔާބީ އަށެވެ. ދިވެހި ތާރީހު ފަހަށް ރައްކާ ކުރުމަށް ދިވެހި ޒުވާނަކު އިސްނަގައި ކުރަމުން އަންނަ މި މަސައްކަތަށް އައްސަރިބަހާ ސާބަސް ދެމެވެ. އެއީ މިއަދު މި މުޖުތަމައުއަށް ބޭނުންވެފައިވާ ފަދަ ޒުވާނުންނެވެ.