ވޮޝިންޓަން (24 އޮކްޓޯބަރު) - ކެނެޑާ ކައިރިން ޕެސިފިކް ކަނޑުގެ އައްސޭރިން ދަތުރު ކުރަމުން ދިޔަ ކޮންޓެއިނަރު ބޯޓެއްގައި ރޯވެ ނުރައްކާތެރި މާއްދާތައް ކަނޑުގެ ސަރަހައްދަށް ބޭރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

"ދަ ޒިމް ކިންގްސްޓަން" ނަމަކަށް ކިޔާ އެބޯޓުގައި އަލިފާން ރޯވިއިރު، ދަތުރު ކުރަމުން ދިޔައީ ކެނެޑާގެ ވެންކޯވާ އަށެވެ. އަލިފާނުގެ ހާދިސާގެ ހަބަރު ކޯސްޓު ގާޑަށް ލިބިފައިވަނީ ރޭ 11 ޖަހާކަށް ހާއިރު ކަމަށް އެ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

"ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ހިފައި ނުރައްކާތެރި ގޭސްތައް ދަނީ ބޭރު ވަމުން،" ކެނެޑާގެ ކޯސްޓްގާޑްގެ ވެބްސައިޓްގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި މިވަގުތު ބޯޓު އޮތީ ކޮލަމްބިއާގެ ބޭރުގައި ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ބޯޓު އޮތް ސަރަހައްދުގެ ވަށައިގެން އެއް މޭލުގެ ސަރަހައްދަކީ އެމަޖެންސީ ޒޯނުގެ ގޮތުގައި ކަނޑައަޅައި އެ ކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

ބޯޓުގައި ރޯވާން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ޔަގީން ވެފައި ނުވާއިރު ކޯސްޓް ގާޑުން ބުނީ އެ ބޯޓުގައި 52،000 ކިލޯގްރާމްއަށް ވުރެ ގިނަ ކެމިކަލް ހުރި ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަމތް ކުރިއަށް ދާއިރު ބޯޓުގައި ތިބި 10 ފަޅުވެރިއަކު ރައްކާތެރި ހިސާބަކަށް ގެންދެވިފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. – އަލް އަރަބިއްޔާ