ނައިބު ރައީސް ފައިސަލް ނަސީމު، ފުވައްމުލަކާއި އައްޑުއަށް ހަތަރު ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކަށެވެ. އަދި އެމަނިކުފާނު، ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ހަމަ އެއާއެކު ފުވައްމުލަކުގެ މުހިންމު އިދާރާތަކަށް ޒިޔާރަތް ކުރެއްވުމަށާއި، އެ ރަށުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އެމަނިކުފާނު ފުވައްމުލަކުގައި ކުރިއަށްގެންގޮސްފައިވާ ބައެއް މަޝްރޫޢުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށާއި، ބައެއް މަޝްރޫޢުތައް ފެށުމަށްޓަކައި ބިންގާ އަޅައިދެއްވުމަށްވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑުއަށެވެ. މި ސިޓީގެ ކައުންސިލާއި ބައްދަލުކޮށްލެއްވުމާއި، ބައެއް އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފަ އެވެ. ހަމަ އެއާއެކު އެމަނިކުފާނު، އައްޑޫ ސިޓީގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމަނިކުފާނު އައްޑޫ ސިޓީގައި ޓްރެއިނިން ޕްރޮގްރާމެއް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފުވައްމުލައް އަދި އައްޑުއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 29 ވާ ހުކުރު ދުވަހު އެވެ.