ހއ. އުތީމުގެ ހުޅަނގު ފަރާތު ތުނޑިން އެ އާސާރީ ވަޅެއް ފެނިއްޖެ އެވެ.
އުތީމު ތުނޑިން ވެލި ގަލުން ހަދާފައިވާ ހަތަރެސްކަން އެ ވަޅު ފެނިފައިވާއިރު، ވަޅު ފެނިފައިވާ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ގިރާފަ އެވެ. އަދި އެ ވަޅު ހިމާޔަތްކުރުމަށް އުތީމު ކައުންސިލާއި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ގުޅިގެން މިހާރު ގެންދަނީ މަޝްވަރާތަކެއް ކުރަމުން ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ އެވަޅު ފެނިފައިވަނީ އިހު ޒަމާނުގައި އުތީމު ބޮޑުތަކުރުފާނު ދޫނި ހިފަން ވަޑައިގެން އުޅުއްވިކަމަށް ބުނާ ސަރަހައްދުންކަން ފާހަގަކޮށް، އެވަޅަށް އުތީމު ގަނޑުވަރަށް ވީހާ ދުވަހެއް ވާނެ ކަމަށާއި، އެގޮތުން ބަލާނަމަ އެވަޅަކީ 500 އަހަރުގެ އާސާރީ ވަޅެއްކަމަށް ލަފާކުރެވޭކަމަށް ވިދާޅުވެފަ އެވެ.
ރަޝީދު އިތުރަށް ވިދާޅުވީ އެއީ ރަށުގެ މީހުން އާންމުކޮށް ވަރަށް މަދުން ގޮސް އުޅޭ ސަރަހައްދެއް ކަމަށާއި، ވަޅު ފެނުނު ސަރަހައްދަށް އިތުރު ބަޔަކަށް ނުވަދެވޭ ގޮތަށް އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރަށުގެ އެހެން ސަރަހައްދަކަށް ވަޅު ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އުތީމަކީ މިފަދަ ގިނަ އާސާރީ ތަކެތިން މުއްސަނދިވެފައިވާ ރަށެކެވެ. އަދި އެތަކެއް އަަހަރުތަކެއް ކުރީގެ އާސާރީ ތަރިކަ އުތީމުގައި ހިމާޔަތްކުރެވިފައިވާއިރު، މި ސަބަބާއި ގުޅިގެން އުތީމު ވަނީ ދިވެހިންނާއި ރާއްޖޭން ބޭރުގެ ފަތުރުވެރިން ޒިޔާރަތްކޮށްލުމަށް ބޭނުންވާ މަންޒިލަކަށް ވެފަ އެވެ.