ކ. ކާށިދޫ އާއި ގާފަރާ އާއި މާލެއާ ދެމެދު ކޭބަލް ކާރު އަޅައިގެން ދަތުރު ކުރެވޭ ގޮތް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ވެސް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމާ ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި ކޭބަލް ކާރުގެ ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ނުދިން ސަބަބާ ގުޅޭ ގޮތުން މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޖާބިރު ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ ކާށިދޫން ގާފަރަށް ކޭބަލް ކާރު އެޅުމަކީ ކުރެވޭނެ ކަމެއް ކަަމަށް ހަމަބުއްދީގައި ހުރެ ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫން ކަަމަށެވެ.

"ހަމަ އެއްގޮތަކަށް ވެސް ހަމަބުއްދީގައި ހުރެގެން އަޅުގަނޑު ގަބޫލެއް ނުކުރަން ކާށިދޫން އެއްވެސްް ތާކަށް ކޭބަލް ކާރެއް އެޅުން އެއީ ފީސިބަލް ކަމެއްގެ ގޮތުގައި. ދިވެހި ރައްޔިތުންނަށް ސާފުކޮށްް އެނގެން ޖެހޭ މި ޒާތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކެވިޔަސް އެއީކީއެއް ވާނެ ކަމެއް ނޫން ކަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމަކަށް. އެއީ ކުރަން ހެޔޮވާނެ ކަމެއް ވެސް ނޫން،" އަސްލަމް ވިދާޅުވި އެވެ.

ތިން ރަށުގެ މެދުގައި ކޭބަލް ކާރުގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަކީ ޖާބިރުގެ ވައުދެކެވެ.

އަސްލަމްގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ޖާބިރު ނިޒާމީ މައްސަލަ ނަންގަވައި ނުރުހުން ފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ކޭބަލް ކާރުގައި މިހާރު ވެސް ދަތުރުކުރާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ކާށިދޫ އާއި މާލެއާ ދެމެދަކީ ޕެރިހާއި ލަންޑަނާ ދެމެދެއް ނޫން ކަމަށާއި ގުދުރަތީ ގޮތުން މިއީ ވަރަށް ތަފާތު ދެ މިސާލެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އަސްލަމް ވަޑައިގަތީ ގއ. ކޮލަމާފުށީ ބަނދަރު ހެދުުމުގެ މަޝްރޫއާ ބެހޭ ގޮތުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.