އެއަރ ޓްރފިކް ކޮންޓްރޯލްގައި މަސައްކަތްކުރާ މުވައްޒަފުން އިހްތިޖާޖު ކުރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. ޓަވަރު މުވައްޒަފުން އިހްތިޖާޖު ކުރަމުންދަނީ އޭޓީސީގައި މަސައްކަތް ކުރާ 50 އަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށް އެމްއޭސީއެލްއަށް ހުށައެޅި ޕެޓިޝަނާ ގުޅިގެން މުވައްޒަފުންނަށް ފިޔަވަޅު އަޅަން ފެށުމުންނެވެ.

ހުރިހާއަށް މައުލޫމާތު ދިން މުވަްޒަފަކު ބުނީ އެ ޕެޓިޝަނުގައި ސޮއިކުރި މީހުންގެ ކުރީގެ މައްސަލަތަކެއް ފަހުން ނަގައިގެން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުކުރަން ބުނެ ބަޔާންތަކެއްގައި ކުއްލިއަކަށް އެމްއޭސީއެލް އިން ސޮއި ކުރުވަމުންދާ ކަމަށެވެ. މިކަމާގުޅިގެން އެއާ ޓްރެފިކް ސާވިސަސްގެ މެނޭޖްމަންޓާ ވެސް މިއަދު ބައްދަލުކުރި ކަމަށް އެ މުވައްްޒަފު ބުންޏެވެ.

އޭޓީސީ މުވައްޒަފުން އެމްއޭސީއެލްއަށް ހުށައެޅި ޕެޓިޝަނުގައި ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އެކިފަހަރު މަތިން ސަރުކާރުގެ އެކި ވުޒާރާތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. މިދިޔަ ތިން އަހަރު ތެރޭގައި ވެސް ރައީސް އޮފީހާއި ޓްރާންސްްޕޯޓް މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެމްއޭސީއެލް އާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެއިން އެއްވެސް ކަމަކަށް ހައްލު ނުލިބޭ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިދާރާތަކުގައި އޭޓީސީ ކޮންޓްރޯލަރު ގިންތި ކުރެވިފައި ވަނީ ޕައިލަޓުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަންތަކާއި އެއް ލެވެލް އެއްގައި ކަމަށާއި ނަމަވެސް މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމުގައި އެއްހަމައަކުން އަމަލު ނުކުރާ ކަމަށްވެސް ބުނެފައިވެ އެވެ. ހަމައެއާއެކު ގާނޫނީ ގޮތުން އިހުތިޖާޖު ކުރި ކަމުގައިވީ ނަމަވެސް، މަސައްކަތް ހުއްޓާލުމުގެ ހައްގު ލިބިގެންނުވާ ގިންތީގައި އޭޓީސީގެ އޮފިސަރުން ހިމެނިފައިވާ ކަމަށާއި އެހެން މުވައްޒަފުން ވަޒީފާއިން ރިޓަޔާކުރުމުން އިނާޔަތް ލިބޭ އުސޫލުން އޭޓިސީގައި ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު ރިޓަޔާކުރާ މުވައްޒަފުންނަށް އިނާޔަތް ލިބޭނެ އުސޫލެއް ގާއިމް ކޮށްފައި ނުވާ ކަމަށްވެސް މުވައްޒަފުން ބުނެފައިވެ އެވެ.