ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގި މައްސަލާގައި 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް ހުށަހެޅި މައްސަލަ އިތުރަށް ފުރިހަމަކުރުމަށްފަހު އަލުން ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ އެ މައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވިއިރު، މިމައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދަޢުވާތަކެއް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް އެދިފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން އެ މައްސަލަ އިތުރަށް ފުރިހަމަކުރުމަށްފަހު ޕީޖީއަށް ފޮނުވިއިރު، އެންމެ ފުރަތަމަ ވެސް އެ މައްސަލާގައި ދައުވާކުރުމަށް ފޮނުވި 11 ފަރާތަށް ދައުވާކޮށްދިނުމަށް އެދި އެ ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އޭގެ ތެރޭގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މި މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެ ތެރެއިން އެއްވެސް ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް މި މައްސަލައާ ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ، އެ މައްސަލައެއްގެ ތަހުގީގު ވަކިން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ، އޭސީސީއާއި ފުލުހުން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިންނެވެ.