މި ސަރުކާރުން ސްކޫލްތަކުގެ ދަރިވަރުންނަށް ދޭންފެށި ނާސްތާ ޕްރޮގްރާމްގެ ސަބަބުން ކުދިންގެ ކިޔެވުމަށް ހެޔޮ ބަދަލު އަތުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގުރާމަކީ ސަރުކާރުގެ އެންމެ ކާމިޔާބު ޕްރޮގުރާމް ކަމަށާއި، މިހާތަނަށް މި ޕްރޮގްރާމަށް 224 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ޕްރޮގްރާމްގެ ތެރެއިން 49،000 އެހާ ދަރިވަރުން ނާސްތާ ޕްރޮގްރާމް ނަގަމުން ދިޔަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމް ނަގަމުންދާ ކުދިން ކިޔެވުމަށް ފޯކަސްކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި ކުދިންނަށް ބޮލުގައި ރިއްސުމާއި ބަނޑުގައި ރިއްސުންފަދަ ކަންކަން ނާސްތާ ޕްރޮގްރާމްގެ ސަބަބުން ދިމާ ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގުރާމެއްތޯ ބެލުމަށް ދިރާސާއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބެލެނެވެރިންގެ ފަރާތުންނާ، އެނޫން ގޮތް ގޮތުން ވެސް ޚަބަރު ލިބޭ ގޮތުގައި ނާސްތާ ޕްރޮގުރާމަކީ ވަރަށް ރަނގަޅު ޕްރޮގުރާމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މި ޕްރޮގްރާމް މެދުކެނޑިފައި އޮތުމަށްފަހު ނާސްތާ ޕްރޮގްރާމް އަންނަ އަހަރު އަލުން ފަށަން ނިންމައި، 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 135 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.