ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޑރ. ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލާގަ އެވެ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީ އާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ވަނީ އެ ދައުވާކޮށްފަ އެވެ.
މި މައްސަލާގައި މިއަދު ހުކުމް އިއްވަވަމުން ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން އެމީހުންނަށް އެއްބަސްވުމާ ބެހޭ މާބޮޑު އެއްޗެއް ނޭނގޭ ކަމަށް އެނގެން އޮތް ކަމަށެވެ. މި ޕްރޮޖެކްޓަކީ ރައީސް އޮފީހުން ހާއްސަ ސަމާލުކަމެއް ދީގެން ފިނޭންސް މިނިސްޓްރީއާ އީވައިސީ ގުޅިގެން ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ޒިންމާ އަކީ ހަމައެކަނި އެ ފަރާތްތަކުން އަންގާ ގޮތަށް ޕްރޮޖެކްޓް ހިންގުން ކަމަށް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމަކީ މިނިސްޓްރީގެ އެކި ލެވެލްގައި އަދި ފިނޭންސް މިނިސްޓްރީން އެޕްރޫވަލް ދިނުމުން ވެފައިވާ އެއްބަސްވުމެއް ކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ލެވެލްގައި ބެލުމަށްފަހު ވެވުނު އެއްބަސްވުމުގައި އެހެން މީހުންނަށް ނުފެނުނު ކުށެއް ޑރ. ޒިޔާދަށް އެކަނި ފެންނަން ޖެހުމަކީ އިންސާނެއްގެ ބުއްދިން ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
މި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ މިސްބާހް މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޑރ. ޒިޔާދާއި، ސައިދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެހެން މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލެވޭނެ އެއްވެސް އުންސުރެއް ނެތް ކަމަށް ގާޒީ މިސްބާހް ވިދާޅުވި އެވެ.
މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.