ބެއިރޫތު (02 ނޮވެމްބަރު) - ލުބުނާނާއި ގަލްފު ގައުމުތަކުގެ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެ، ސަރަހައްދީ މަސްރަހު ހޫނުވަމުން ދާތީ އެކަމަށް ފިޔަވަޅު އެޅުމަށް ގަތަރުން ލުބުނާނަށް ގޮވާލައިފި އެވެ.
ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކަރުދާހީ ގަތަރުގެ ޓީވީ ޗެނަލެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސައުދީ އަރަބިޔާ އާއި ޔޫއޭއީ އަދި ބަހުރައިން ފަދަ އަރަބި ގައުމުތަކުން ވަނީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.
އެގޮތުން ލުުބުނާނަށް ކަނޑައަޅާފައި ހުންނެވި ސަފީރު ސައުދީ އަރަބިޔާއިން އަނބުރާ ގައުމަށް ގެނެސްފައިވާއިރު ސައުދީ އަރަބިޔާގައި ހުރި ލުބުނާނުގެ ސަފީރަށް ވަނީ ގައުމުން ފޭބުމަށް އަމުރެއް ކޮށްފަ އެވެ. މީގެ އިތުރުން ވެސް ބަހުރެއިން އާއި ޔޫއޭއީ ފަދަ ގައުމުތަކުން ވަނީ ލުބުނާނުގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން އަނބުރާ އައުމަށް އިލްތިމާސް ކޮށްފަ އެވެ.
ލުބުނާނާއި އަރަބި ގައުމުތަކާ އޮތް ގުޅުން މިހާ ބޮޑަށް ހީނަރުވެފައި ވަނީ ގިނަ އަހަރުތަަކަކަށް ދެމިގެން ދިޔަ ޔަމަނުގެ ހަނގުރާމައިގައި ސައުދީ އަރަބިޔާގެ ބައިވެރިވުން އޮތް ކަމަށް ޖޯޖް ކަރުދާހީ ވިދާޅުވުމުންނެވެ. މިކަމާ ގުޅޭގޮތުން އޭނާ ދެއްކި ވާހަކަތަކަށް ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒު ވެފަ އެވެ.
ލުބުނާނުގެ ބައިނަލްއަގުވާމީ ގުޅުންތައް ހީނަރުވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ގަތަރުން ފާހަގަކޮށްފައިވާއިރު އެކަން ހައްލު ކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ގަތަރުން ވަނީ ލުބުނާނުގެ ސަރުކާރަށް ގޮވާލާފަ އެވެ.
ގުޅުންތައް އެންމެ ގޯސްވެފައި ވަނީ ސައުދީ އަރަބިޔާއާއެކު ނަމަވެސް، ސައުދީ އަރަބިޔާއަށް ވާގިވެރިވާ ގައުމުތަކުން ލުބުނާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއެކު އެ ގައުމުގެ އިގްތިސާދަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ލަފާކުރެވެ އެވެ. - އަލް އަރަބިއްޔާ